ތެދެކެވެ. ކޮންމެ މޮބައިލް ފޯނަކީވެސް ކަނޑައެޅިގެން ވަކި އުމުރެއް އޮންނަ އެއްޗެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދާހާ ތަނަކަށް ފޯނު ގެންދާ މީހުންނެވެ. ޖީބަށް ލައިގެން ނުވަތަ އަތްދަބަހަށް ލައިގެން ނަމަވެސް ވެހެވެ. ފޯނު ހަލާކުވުމަށް އެންގެ އާއްމުކޮށް ދިމާވާ އެއް މައްސަލައަކީ ފޯނުގެ ސްކްރީން ނުވަތަ ޑިސްޕްލޭ ތަޅައިގެން ދިއުމެވެ. ފެނުގެ ތެރެއަށް ފޯނު ވެއްޓެން ދިމާވާ ފަހަރު އެއީ މަދުފަހަރެކެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއްވެސް އެބައޮތެވެ. ފެނުގެ އަސަރުކޮށްގެން ހަލާކުވާ ނުވަތަ ގެއްލުމެއް ލިބޭ ފޯނުތަކުގެ ތެރެއިން ގިނަ ފޯނަކީ ފާޚާނާ ތަށި ތެރެއަށް ވެއްޓިގެން ގެއްލުން ލިބޭ ނުވަތަ ހަލާކުވާ ފޯނުތަކެވެ. ދާދިފަހުން ރާއްޖޭގެ މަޝްހޫރު ބޭކަނބަލެއްގެ ފޯނު ފްލައިޓެއްގެ ފާޚާނާ ތަށި ތެރެއަށް ވެއްޓުނު ޚަބަރު ވާނީ ގިނަ ބަޔަކު ކިޔާފައެވެ. ރޮޒޭ އަށް ދިމާވިގޮތަށް ކަންތައްތައް ނުވިޔަސް، ގޭގެ ފާޚާނާ ތަށި ތެރެއަށް ފޯނު ވެއްޓުމުގެ ހާދިސާ ދިމާވެފައިވަނީ ކިތައް މީހުންނަށް ބާވައެވެ؟

“އަޅެ މަގޭ ފޯނު އެވެއްޓުނީ ފާޚާނާ ތަށްޓަށޭ!” މިއީ އިވުން އެކަށީގެންވާ ޖުމްލައެެވެ.

މައްސަލައެއް ނެތެވެ. ފާޚާނާ ތަށި ތެރެއަށް ފޯނު ވެއްޓުނީޔޯލައެވެ. އެހެން ވެއްޖެނަމަ އެންމެ ފުރަތަމަ ކަމަކަށްވެސް އެއްވެސް ވަރަކަށް ހާސްނުވާށެވެ. ޤަބޫލުކުރަމެވެ. އެގޮތަށް ފޯނު ވެއްޓިއްޖެއްޔާ ކޮންމެ މީހެއްގެ ސިކުނޑިތެރޭގައިވެސް އެލާމުގެ ރަނގަބީލެއް އަޅަމުންދިއުމަކީ ވާނެ ކަމެކެވެ. “އައްޗީޑި، މަގޭ ފޯނޭ އެ ވެއްޓުނީ ފާޚާނާ ތަށި ތެރެއަށް، އޯހް ޝިޓް ޝިޓް ޝިޓް!” މިފަދަ އިބާރާތްތަކެއް އަނގައިން ބޭރުވިނަމަވެސް ކަންބޮޑުނުވެ ހަމަޖެހޭށެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މައިގަނޑު އަމާޒެއް ކަމުގައި ހަދަންވީ ވީހައި އަވަހަކަށް ފާޚާނާ ތަށި ތެރެއިން ފޯނު ނެގުމެވެ. ނަޖިހުގެ ތެރެއަށް އަތް ބާނައިގެން ނަމަވެސް އެކަން ކުރެވޭތޯ ބަލަންވާނެ އެވެ. ފޯނު ނެގުމުގެ ކުރިން ނަމަނަމަ ފްލަޝްކޮށްނުލާށެވެ. ކިތަންމެ މުޑުދާރަސް، ޖަރާސީމު ހުއްޓަސް ވީ އެންމެ އަވަހަކަށް ފޯނު ނެގޭތޯ ބަލާށެވެ.

ފޯނު ނެގުމަށްފަހު ފަރުވާތެރިކަމާއެކު ފޯނުގެ ކޭސް ނައްޓައިލާށެވެ. ބެޓެރީ އާއި ސިމްކާޑު ވެސް ނަގާށެވެ. ނަމަވެސް ފާޚާނާ ތަށްޓަށް ވެއްޓުނީ އައިފޯނެއް ނަމަ ކުރިން މިބުނި ކަންކަމެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ބިރުގަންނާނެ ކަމެއް ނެތެވެ. އެހެނީ ފެނުގެ އަސަރުކޮށްފައިވާ އައިފޯނަކީ މަރާމާތު ނުކުރެވޭނެ ފޯނެއް ނޫނެވެ. ކުރިން ބުނިގޮތަށް ފޯނުގެ ބައިތައް ވަކިކޮށްލުމަށްފަހު، މަޑުމަޑު ފޮތިކޮޅަކުން ފޯނަށް އެޅިފައިވާ ފެން ފޮދު ހިއްކާލާށެވެ. ޓިޝޫއެއް ނުވަތަ ކުނޑިއަރާ ޒާތުގެ ފޮތިކޮޅެއް ބޭނުން ނުކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.

ފެން އެއްޗެއްގެ ތެރެއަށް ފޯނު ވެއްޓުމުން ހަނޑޫ އެއްޗެއްގެ ތެރެއަށް ފޯނު ލާފައި ބާއްވާށޭ ބުނާ އަޑު އަހާފައިވާނެދޯ އެވެ. އެހެން އެ ބުނަނީ އެއީ މުޖައްރިބު ފަންޑިތައެއްފަދަ ކަމަކަށް ވާތީ އެވެ. އެގޮތަށް ހަނޑޫ އެއްޗެއްގެ ތެރެއަށް ފޯނު ލާފައި ބޭއްވުމުން ފޯނުތެރެއަށް ވަދެފައި ހުންނަ ފެން ހިއްކައިލަދޭނެ އެވެ. އަހަރުމެންގެ ލޮލަށް ނުފެންނަ ހިސާބުގައި ހުންނަ ފެންފޮދުވެސް ހިއްކާލާނެއެވެ. އެހެންކަމުން އެންމެ މަދުވެގެން 12 ވަރަކަށް ގަޑިއިރު ވާންދެން ހަނޑޫ ތެރޭގައި ފޯނު ބާއްވާށެވެ. އަދި މިހާހިސާބުން ފޯނު އޮންކުރަން މަސައްކަތް ކޮށްގެން ނުވާނެ އެވެ.

ހަނޑޫއެއްޗެއްގެ ތެރެއަށް މޯބައިލް ފޯނު ލާފައި 12 ގަޑިއިރު ބޭއްވުމުން ފޯނަށް އެޅިފައިވާ ފެނުގެ އަސަރު ކަނޑުވައިލާ

ބާރަވަކަށް ގަޑިއިރު ފޯނު ބޭއްވުމަށްފަހު ބެޓެރީ ލައްވައިގެން ފޯނު އޮންކުރެވޭތޯ ބަލާށެވެ. ފާޚާނާ ތަށި ނުވަތަ ފެން އެއްޗެއްގެ ތެރޭގައި ގިނައިރުތަކެއް ވާންދެން ފޯނު ބާއްވަން ނުޖެހުނުނަމަ މިއީ ފޯނަށް ކޮށްފައިވާ ފެނުގެ އަސަރު ކަނޑުވައިލަދޭނެ ގޮތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.