ކާމިޔާބުކަމާއެކު ދައްކަމުން އަންނަ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް “ހުވާ”ގެ މުޅިން އާ އެޕިސޯޑެއް މިރޭ މިރޭ 21:00ގައި ދައްކަން ނިންމައިފި އެވެ. “ބައިސްކޯފު”ން ބުނީ މިރޭ “ހުވާ”ގެ މުޅިން އާ އެޕިސޯޑެއް ދައްކަން ނިންމީ ބެލުންތެރިންނަށް އާ އަހަރުގެ ހަދިޔާއެއް ދިނުމުގެ ގޮތުންކަމަށެވެ.
“ހުވާ”ގެ 10 އެޕިސޯޑެއް ބެލުންތެރިންނާ ހަމަޔަށް މިހާރު ގެނެސްދީފިއެވެ. ކޮންމެ ހަފްތާއެއްގެ ދެ ރޭ އާ އެޕިސޯޑެއް ދައްކާއިރު ވެސް ބެލުންތެރިން އާ އެޕިސޯޑަކަށް އަންނަނީ އިންތިޒާރު ކުރަމުންނެވެ. ހުވާގެ އައު އެޕިސޯޑުތައް ދައްކަނީ ކޮންމެ ހޯމަ ދުވަހެއްގެ ރެއާއި ބުރާސްފަތި ދުވަހުގެ ރެއެވެ.
“ހުވާ” އަކީ މުއްސަނދި އުފާވެރި އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒްއެކެވެ. މި އާއިލާގެ އުފާވެރިކަން ކުއްލިއަކަށް ފުޑުފުޑުވެގެންދަނީ ރާއްޖޭގައި ހަމަ ހަގީގަތުގައިވެސް އާންމުވަމުން އަންނަ ބޮޑު މައްސަލައެއްގެ ސަބަބުންނެވެ.
“ހުވާ” ގެ 09 ވަނަ އެޕިސޯޑާއި 10 ވަނަ އެޕިސޯޑުން ފެނިގެންދަނީ އެއްވެސް ކުށެއްނެތް އިންސާނެއް މާލޭގެ ގުރޫޕަކުން ހިފަހައްޓާ އޭނާ (މި ސީރީޒްގައި ޔޫއްޕެ) މަރާލާ މަންޒަރެވެ. އަދި އެކަމުގެ ސަބަބުން އެ އާއިލާ ފުން ހިތާމައެއްގައި ތިބޭ މަންޒަރެވެ.
“ހުވާ” އާ ބެހޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ، (ނަހޫ) ބުނީ، ހުވާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
