ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) އަނެއްކާވެސް ކެމެރާ ކުރިމައްޗަށް، އެކްޓިން އަށް ނިކުންނަން ނިންމައިފިއެވެ.

ޓެލެވިޛަން މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ދުވަސްވަރު، އެކްޓިންގެ ތެރެއަށް ވަނުމަށްފަހު ގިނަ ދިވެހި ފިލްމުތަކަކާއި ޑްރާމާ އަދި ސިލްސިލާ ފިލްމުތަކުން ފެނި، މަޤްބޫލުކަން ހޯދާފައިވާ މާއެނބޫ އަލުން އަނބުރާ ކެމެރާ ކުރިމައްޗަށް ނިކުންނަކީ ވެބް ސީރީޒް އަކުން ކަމަށް މުނިއަވަސް އަށް އޭނާ ބުންޏެވެ.

“އަހަރެންވެސް ލޯބިވޭ” ގެ ނަމުގައި ބައިސްކޯފު އެޕުން ޕްރޮޑިއުސްކޮށް ‘މީ ޕްރޮޑަކްޝަނުން’ ހަދާ 13 އެޕިސޯޑްގެ ވެބްސީރީޒް ގައި މުޙައްމަދު އަބޫބަކުރު (މާއެނބޫ) ކުޅެނީ ލީޑް ރޯލެއްކަމަށް އޭނާ ބުންޏެވެ.

މާއެނބޫ އަކީ ކުރިން ގިނަ ފިލްމުތަކެއްގެ ލީޑްރޯލު ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރެއް – ފޮޓޯ: މުނިއަވަސް

“މިއީ ސާފިރާ މޫސާ ލިޔެފައިވާ ވާހަކައަކަށް ހަދާ ވެބް ސީރީޒެއް.” ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޓީވީ ސިލްސިލާ ފިލްމު ‘މަންޒިލް’ ގައި ލީޑް ރޯލު ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު މާއެނބޫ ބުންޏެވެ.

މީ ޕްރޮޑަކްޝަނުން ބައިސްކޯފަށް އުފައްދާ ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ” ގެ ޑައިރެކްޓަރަކީ ވެސް މާއެނބޫ އެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މީ ޕްރޮޑަކްޝަންގައި މިހާރު މަސައްކަތްކުރަމުން އަންނަ، މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރ އިބްރާހިމް ސޮބާޙް (ކުޑަ ސޮބާ) އެވެ.

ފިލްމެއް އުފެއްދުމުގެ މަސައްކަތުގައި މާއެނބޫ

މާއެނބޫ ބުނީ ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ” އަށް ކާސްޓުން ހަމަޖައްސަމުންދާ ކަމަށާއި އަންނަ ހަފުތާގައި ޝޫޓިން ފަށާނެ ކަމަށެވެ.

މީގެ އަށްވަރަކަށް އަހަރު ކުރިން އެކްޓިންއާއި ދުރަށްޖެހިލައި، ފިލްމު އުފެއްދުމާއި ޑައިރެކްޝަން އަށް ހުރިހައި ވަގުތެއް ހުސްކޮށްގެން ހުރުމަށްފަހު ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ” އިން ފެނިގެންދާނީ ތަފާތު ރޯލަކުން ކަމަށް އޭނާ ބުންޏެވެ.

ބޮލީވުޑްގެ އެންމެ މަޤްބޫލު އެއް އެކްޓަރ ސަލްމާންޚާން އާއިއެކު މާއެނބޫ – ފޮޓޯ: ޗިއްޕެ

ދިވެހި ފިލްމު ހަގުއަނބި. މިތުރު، ކުށްހީ، ހުވަފަތް، އެދުވަސް ހިނގައްޖެ ފަދަ ފިލްމުތަކުން ފެނިގެންދިޔަ މާއެނބޫއަކީ ޓީވީއެމްގެ ވަރަށް ގިނަ ޑްރާމާތަކުގައިވެސް ހަރަކާތްތެރިވެފައިވާ ފަންނާނެކެވެ. މީގެ އިތުރުން ރާއްޖޭގައި އަލަށް އުފެއްދި ޓީވީ ސީރީޒް ‘މަންޒިލް’ގައި ވެސް އޭނާ ހަރަކާތްތެރިވިއެވެ.

މާއެނބޫ ޑައިރެކްޓުކޮށްފައިވާ މީ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމު “ނޭދެން ވަކިވާކަށް” އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، މިހާރު އޭނާ އުފައްދަމުންދަނީ “ކާކު؟”ގެ ނަމުގައި ހަދާ ބިރުވެރި ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީވެސް މާއެނބޫ އެވެ.

ފިލްމެއް ޑައިރެކްޓްކުރުމުގައި މާއެނބޫ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.