ރާއްޖޭގެ އެންމެ ފުންނާބު އުސް އަންހެން ތަރި، ނިޢުމާ މުޙައްމަދު ކެމެރާ ކުރިމަތިން ނިވައިވުމުގެ ކުރިން ގެނެސްދޭ އޭނާގެ އެންމެ ފަހު ފިލްމު “ނިވައިރޯޅި” ޕްރިމިއަރ ކުރުން ސަޕްރައިޒަކާއި އެކު މިރޭ އޮންނާނެ އެވެ.
ރެޑް ކާޕެޓް އިވެންޓަކާ އެކު ފިލްމު ޕްރިމިއާކުރުން މިރޭ އޮންނައިރު ފިލްމު ދޫކޮށްލާނީ ހުރިހާ މަސައްކަތެއް ފުރިހަމަކޮށްފައި ކަމަށް ނިޢުމާ ބުންޏެވެ. ނިއުމާ ބުނީ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހި އުފަލުން ހުރި ކަމަށެވެ.
މިއީ ފިލްމު ‘ހޭލާ’، ‘ލޫދިފާ’ އާއި ‘ހެޕީ ބާތު ޑޭ’ އިން ދިވެހި ފިލްމީ ދާއިރާގެ މޫނުމަތި ބަދަލުކޮށްލި މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ނިޢުމާ އަދި މޫމިން މަޢުލޫމާތުދީފައި ވާގޮތުން “ނިވައިރޯޅި” އަކީ ދިވެހި ސިނަމާ އަށް މުޅިން އާ ކޮންސެޕްޓެއް ގެނެސް ދޭނެ ފިލްމެކެވެ.
“ނިވައިރޯޅި”ގެ 10 ޝޯ އޮލިމްޕަހުގައި ދައްކަން ނިންމާފައި ވާއިރު ފިލްމުގެ ޓިކެޓް ވަރަށް ބާރު ސްޕީޑެއްގައި ވިކެމުން އަންނަ ކަމަށް ނިއުމާ ބުނެއެވެ. ނިޢުމާ އިތުރަށް ބުނީ ތަރުހީބު ލިބޭވަރަކުން ޝޯވ ތައް އިތުރު ކުރުމަށް ވެސް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ ޝްވެކް ސިނަމާގައި ފިލްމު ދެއްކޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ނިޢުމާ ބުނެއެވެ.
މި މަހާއި އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށާއި ރިސޯޓްތަކުގައި ވެސް “ނިވައިރޯޅި” ދައްކަން ހަމަޖެހިފައިވެއެވެ. ކުލަގަދަ ޕްރިމިއާއަކާ އެކު ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޖެނުއަރީ 05 ގައި ވެސް މިފިލްމު އަޅުވާނެ އެވެ.
02:07 މިނެޓްގެ މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދު އާއި މާލޭގަ އެވެ. މީގެ އިތުރުން ފިލްމުގެ ލަވައެއްގެ މަންޒަރު ރާއްޖޭން ބޭރުގައި ނަގާފައިވެ އެވެ.
