ކްރިސްމަސް ފާހަގަކުރުމަށްފަހު ބޮލީވުޑްގެ ތަރިން ކަމަށްވާ އަނުޝްކާ ޝަރްމާ، އާލިއާ ބަޓް، ޖެކްލިން ފަރނަންޑެޒް އައު އަހަރު ފާހަގަކުރުމަށް ކަމަރު ބަނދެލައިގެން ތިބީ އެމީހުންގެ އެންމެ މަޤްބޫލު މަންޒިލަށް އައުމަށެވެ. މީގެ އިތުރުން ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހްގެ ހަނީމޫނަށް ރާއްޖެ އައި ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ. މި ޖޯޑުގެ ކާމިޔާބު ފިލްމު ‘ޕަދްމާވަތު’ އަށްފަހު ބިޒީ ޝެޑިއުލް އެއްގައި އުޅެން ޖެހުމުން، މި ޖޯޑު ނިންމާފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ނޮވެމްބަރު މަހު އިޓަލީގައި ކައިވެނިކުރި ދެތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މި ޖޯޑު ޗުއްޓީ ހޭދަކުރާނީ ޕްރައިވެޓް ބީޗެއް އޮންނަ ރާއްޖޭގެ ރިސޯޓެއްގައެވެ.
ދެމީހުން ތިބި ތަނެއް ހާމަނުކުރި ނަމަވެސް ދީޕިކާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ދެ ފޮޓޯއަކުން އެމީހުން މިވަގުތު ތިބީ ރާއްޖޭގައި ކަމަށް ގަބޫލުކުރެވެއެވެ.
މަތީގައި އެވާ އިންސްޓަގްރާމް ފޮޓޯގައި ލިޔެފައިވާ ލިޔުންކޮޅު ބުނާގޮތުން މި ފޮޓޯއަކީ ‘ދީޕްވީރް’ ގެ ޖޯޑު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއައި މަގުމަތީގައި ލަންކާ އެއަރޕޯޓްގައި ނަގާފައިވާ ފޮޓޯއެކެވެ.
