ލ.ގަމުގައި ޓީއެފްޖީން ބާއްވާ މެރެތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލ. ކައްދުއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށް ރަށަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތްކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކައްދުއަށް ފައިބައިވަޑައިގެންނެވުމާއެކު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މިދަތުރުފުޅުގައި ލ. އަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ގެ މި ދަތުރުފުޅުގައި މަހާރެހެންދި ފަޒްނާ އަޙްމަދު ވެސް ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވެސް ވަޑައިގެންނެވިއެވެ.
ރައީސްގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
#Livestream President @ibusolih arrives in #Kaddhoo Airport https://t.co/9MAI1CAO89
— Presidency Maldives (@presidencymv) January 25, 2019
