އަތްތެރި މަސައްކަތާއި ފަންނުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރާއި އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ މަޝްވަރާކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގައި އަތްތެރި މަސައްކަތްތަކުގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށް، އެމަސައްކަތްތައް ކުރިއެރުވަން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންނާއި ފަންނީ ދާއިރާގެ މަސައްކަތްތަކާއި ފަންނީ އުފެއްދުންތައް ކުރިއެރުވޭނެ ގޮތްތަކާ މެދު ކަަމަށް މަޢުލޫމާތު ލިބެއެވެ.
މިގޮތުން އަތްތެރި މަސައްކަތްކޮށް ފުޅާކޮށް، އެމަސައްކަތް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ފަންނީ ދާއިރާގެ މަސައްކަތްތަކާއި ފަންނީ އުފެއްދުންތައް ކުރިއެރުވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން މިނިސްޓަރ ޔުމްނާ މަޢުމޫނާއި ސްޓޭޓް މިނިސްޓަރ ޠާރިގާއި ސްޓޭޓް މިނިސްޓަރގެ ނައިބް ވަލީދާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މިނިސްޓަރ ފައްޔާޒު އިސްމާޢީލް މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.
