ކުރިއަރަމުން އަންނަ ޒުވާން މިއުޒީޝަނުންތަކެއް ހިމެނޭ ‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ’ ގެ މުޅިން އާ ލަވައެއް މާދަމާ ރިލީޒްކުރާނެ ކަމަށް ސްޑިއޯ ލީޑްކުރަމުން އަންނަ ރެޕަރ، ހުސެއިން ޖިނާން ޝަރީފް (ޖީނީ) ބުނެފިއެވެ.
މުނިއަވަސް އާ ވާހަކަދައްކަމުން ޖީނީ ބުނީ ފެބްރުއަރީ 01 ގައި ނެރޭ ލަވަ ‘އާދޭ ލޯބިވާ’ އިން މިއުޒިކީ ދާއިރާއަށް މުޅިން އާ ފަންނާނެއް ވެސް ތަޢާރަފުވެގެން ދާނެކަމަށެވެ.
“ލަވަ ކިޔާފައިވަނީ އަޖޫ އާ ޖަނާން ހުސައިން (ޖަންޓު). އަޖޫ އަކީ މުޅިން ނިއު އާޓިސްޓެއް. އަލަށް އެ ލަވަކިޔަނީ. ޖަންޓު އަކީ ލަވައިގެ ޕްރޮޑިއުސަރ.” މާދަމާ ނެރޭ ‘އާދޭ ލޯބިވާ’ ލަވައާއި ބެހޭގޮތުން ޖީނީ ބުންޏެވެ. ޖީނީ ބުނީ ލަވަ ރިލީޒްކުރުމަށް ނިންމާފައިވަނީ ހަމައެކަނި “ލަވަފޮށި” އަދި “ބައިސްކޯފް” އެޕްގައި ކަމަށެވެ.
ކުރު ޓީޒާއެއް ނެރެފައިވާ މި ލަވައިގެ ޅެން ހެދީ ނާއީ އާއި ޖަންޓު އެވެ.
“ލަވައިގެ ޕްރޮޑިއުސަރ ޖަންޓު އާ މަށާ ވާހަކަދެކެވިގެން އަސްލު މާކުރިންވެސް އޮތީ 01 ފެބްރުއަރީ 2019 އަށް މި ލަވަ ނެރެން ހަމަޖެހިފަ. ދެން އަނެއްހެން ޚާއްޞަ ދުވަހެއްވެސް ނޫން. އެކަމަކު އެދުވަސް ވެދާނެ އެހުންތެރިންނަށް ޚާއްޞަ ދުވަހަކަށް.” އެކެއް ފެބްރުއަރީގައި މި ލަވަ ނެރުމަށް ނިންމީ ކީއްވެގެންތޯ އަހައިލުމުން އުމުރުން އެންމެ 18 އަހަރުގެ ޖީނީ ބުންޏެވެ.
‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ’ އަކީ “ރޮއެފާ” ގެ ނަމުގައި ލަވަފޮށިން ނެރުނު ސަޅި ހިޕްހޮޕް ލަވައިން ދިވެހިންގެ ސަމާލުކަން ދަމައިގަތް ޒުވާން މިއުޒީޝަނުން އުފައްދާފައިވާ ސްޓޫޑިއޯ އެކެވެ. އައު ލަވަކިޔުންތެރިން މިއުޒިކުގެ ދާއިރާއަށް ނެރުމަށް އިސްކަމެއް ދެމުން އަންނަ ޔުނިކޯ ބީޓްސް އަކީ ނާޝިދު އިބްރާހިމް (ނަޑޭ)، ޖަނާން ހުސެއިން (ޖަންޓު)، ޖިނާން ޝަރީފް (ޖީނީ) އަދި އަހުމަދު މިމުރާހް (މިމޫ) އިސްވެ ހަރަކާތްތެރިވަމުން އަންނަ ބޭންޑް ސްޓޫޑިއޯއެކެވެ.
ހިޕް ހޮޕް ލަވަ ކިޔުމަށް ފޯރި ހުންނަ ޒުވާން ގްރޫޕްގެ އަމާޒަކީ ހިޕް ހޮޕްގައި ލީޑްކުރާ ބަޔަކަށް ވުމެވެ.
ޔުނިކޯ ބީޓްސްގެ ނިއުސް ފްލޭޝް މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
