ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު “ނަފްރަތުވުމުން” މާދަމާރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެއެވެ. އަސަރުގަދަ ލޯބީގެ ފިލްމެއް ބަލައިލުމަށް ކެތްމަދުވެފައި ތިބި ދިވެހިފިލްމު އޯޑިއަންސަށް މަޝްހޫރު އެކްޓަރ، ސްކްރީން ރައިޓަރ އަދި އެހާމެ ހުނަރުވެރި ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ގެނެސްދޭ ހަދިޔާއަށް ބެލުންތެރިން ތައްޔާރުހެއްޔެވެ؟
ކާމިޔާބު ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު ޑައިރެކްޓްކޮށްފައިވާ “ނަފްރަތުވުމުން” ގެ މުހިންމު ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) އަހުމަދު އީސާ، އަދި ޔޫސުފް ޝަފީއު އެވެ.
ފިލްމުގެ ޓްރެއިލަރ އިން ފެންނަގޮތުން އައްޒަގެ ދިރިއުޅުމާއި އެކިގޮތްގޮތުން، ދޮންއައްޔައާއި، އީސަ އަދި ޔޫއްޕެ ވަނީ ގުޅިފައެވެ. އީސަގެ ފަރާތުން އައްޒައަށް “ގެވެށި” އަނިޔާ ލިބެމުންދާއިރު، ދެ މީހުންގެ މެދުގައި ވަކިނުވެވޭނެ ވަރުގެ ލޯތްބެއްވެސް އުފެދިފައިވާކަން އެނގެއެވެ. ހަމަ އެހެންމެ އައްޒަގެ ލޯބި ހާސިލުކުރަން ދޮންއައްޔަ ކުރަމުންދާ މަސައްކަތްވެސް ފެނެއެވެ. އަދި ޔޫއްޕެއާއި އައްޒައާއި ދެމެދު އޮންނަ ލޯބީގެ ގުޅުންތައްވެސް ދައްކުވައިދެއެވެ.
https://www.facebook.com/339378213523463/videos/763580517362203/
2 މިނެޓް 51 ސިކުންތުގެ ޓްރެއިލަރ ނިމުމުގެ ކުރިން މި ހުރިހާކަމެއްވެސް ބަދަލުވެއެވެ. އައްޒަގެ ބޮޑު ސުވާލު -“މިހުރިހާކަމެއް ވުމުންވެސް އަހަރެންދެކެ ނަފުރަތެއްނުކުރަންތަ؟” އާއެކު ފިލްމުގައި ބޮޑު ޓްވިސްޓެއް ފެނިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ. “ނަފުރަތުވުމުން”ގެ ޓްރެއިލަރ ނިމެނީ އިތުރު ސުވާލުތަކެއް ފެންމަތިކުރުވަމުންނެވެ.
އެންމެ ފަހުން އޮލިންޕަހުގައި ދެއްކި ޔޫއްޕެގެ މެގަހިޓް ހޮރޯ ކޮމެޑީ “40 ޕްލަސް”އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޔޫއްޕެ ބުނަނީ އެ ފިލްމަށް ކުރި އިތުބާރާއެކު މި ފިލްމުވެސް ބަލައިލުމަށް އެދޭކަމަށެވެ.
މިއީ ހަމަގައިމުވެސް ޔޫއްޕެގެ ލޯބީގެ ފިލްމަކަށް ގިނަ ބެލުންތެރިންތަކެއް ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން ގެނެސްދޭވަރުގެ “ނަފްރަތުވުމުން” އަކަށް ވާނެކަމަށް ފިލްމުގެ ތަރިންނާއި ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
“ނަފްރަތުވުމުން”ގެ ޓިކެޓް މިހާރުވެސް އޮލިންޕަހުގެ ޓިކެޓް ކައުންޓަރުތަކުން ވިއްކަމުންދާއިރު، 7384040 އަށް ގުޅުމުން ޓިކެޓް ބުކްކުރެވޭނެކަމަށް “ނަފްރަތުވުމުން”ގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
ދިގު ކެމްޕޭނަކާއި ބުރަ އިންތިޚާބެއްގެ ވަރުބަލިކަން ފިލުވައިލުމަށްފަހު، ސިކުނޑީގެ ހާސްކަމާއި ވަރުބަލިކަން ފިލުވައިލަން “ނަފްރަތުވުމުން” ބަލައިލަން ވަދެލުން ކިހިނެތްވާނެ ހެއްޔެވެ؟
