ކުޑަވެސް ޝައްކެއް އެބައޮތްތޯއެވެ. އިންސާނާ ކުރިއެރުމުގެ ޙަޤީޤީ ސިއްރެއްކަމުގައި ހިމެނެނީ އެއިންސާނެއްގެ ޙަޔާތުގައި ކަނޑައެޅިގެންވާ މަޤްޞަދެއް ކުރިމަތީގައި އޮތުމެވެ. އަދި އެކުރިއެރުން ނުވަތަ އެ ކާމިޔާބު ބިނާވެގެންވަނީ އެ މަޤްޞަދެއްގެ މައްޗަށް އެމީހަކު ދިން އަގެއްގެ މައްޗަށެވެ.
ނަމަވެސް…..އާދެ! ކަމަކީ އޭގެޒާތުގައި ވަރަށްވެސް ބޮޑުކަމެކެވެ.
ހަމައެއާއެކު ޒަމާނަށް ލޯހުޅުވާލުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ކޮންމެ ޒަމާނެއްގައިވެސް ކަންތައްތައް ހިނގާގޮތާއި ކަންހުންނަ މަގަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. ޙުސައިން ޞަލާހުއްދީން ވިދާޅުވެފައިވެއެވެ.
”ޒަމާނަށް ހޭނުލައި ތިބެގެން އަމާނެއް ލިބިނެތޭ ދާކަށް
ކަމާއި ބަހާއި މިދުނިޔޭގައި ހިނގާމަގު ވިސްނަވަންވާނޭ“
ވިސްނުމުގެ ނަޒަރެއް ހިންގާލާމާ ހިންގަވާށެވެ. ދިވެހި އަދަބީ ބަހެއްގައިވެއެވެ. ”ދުނިޔެ ހިނގާނީ ތޮށަލިދުޅައަށެވެ.“ އާދޭހެވެ. ޝައްކެއްނެތެވެ. ކޮންމެ ފާގަތިކަމަކަށްފަހު ތަދުމަޑުކަމެއް އަތުވެދެއެވެ. ތަނަވަސްކަމަށްފަހު ދަތިގޮތްތައް މެދުވެރިވެއެވެ. ފަސޭހައަށްފަހު އުނދަގޫލިބިދެއެވެ. އަދި ކޮންމެ އުފަލަކަށްފަހު ހިތާމަވެސް ލިބިދޭމެއެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. ކަން ހިނގާނޭ މަގުމެއެވެ. އެހެނީ އެންމެހާ މީސްތަކުން މިދުނިޔެއަށް ފޮނުއްވާފައިމިވަނީ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.
މިހާ ހިސާބުން އަޅުގަނޑުގެ ގަލަން ފިރުކާލެވެން އަންނަނީ ގިނަ މީހުންގެ އިއްޔެއާއި މިއަދުގެ ހާލަތުގެ މައްޗަށް ކުޑަނަމަވެސް އެއްޗެއް ދަންނަވާލުމަށްފަހުގައެވެ. އާދޭހެވެ. ދިރިއުޅުމުގެ މައިދާނުގައި ތަފާތު މައްސަލަތަކާއި ކުރިމަތިވެފައިވާ މީހުން އެމައްސަލަތަކުގެ ސަބަބުން އެބައިމީހުންގެ ދިރިއުޅުން ބަރުބާދުވެފައިވެއެވެ. އެބައިމީހުންނަށް މައްސަލައެއް ދިމާވުމުން ޙަޤީޤީ މާނައިގާ އިސްއުފުލާލެވިފައެއްނެތެވެ. އަދި ކިއެއްތަ ދިރިއުޅުން އާރާސްތު ކުރުމުގެ ބަދަލުގައި މޮޅިވެރިކަމާއި ހިތާމައިގާ މުޅިދިރިއުޅުން ހަލާކުގެތެރެއަށް ވައްޓާލުމަށް އެބައިމީހުންގެ ނަފުސު އެބައިމީހުންނަށް މަޖުބޫރުކުރުވައެވެ. ސަބަބަކީ ފަހެކޮބައިތޯއެވެ؟
އާދޭހެވެ. ސަބަބުތައް ވަރަށްވެސް ގިނައެވެ. އިސްވެ މިދެންނެވިފަދަ ކަންތައްތަކައި ކުރިމަތިލާންޖެހެނީ ކުރިމަތިވާ ކަންތައްތަކާއި މެދު ރުހިގަބޫލުވެވިފައި ނެތުމުންނެވެ. އެފަދަ ކަމަކަށް ނަފުސު ތަރުބިއްޔަތު ކުރެވިފައި ނެތުމުންނެވެ. އެފަދަ ކަމަކަށް ސިކުނޑި އޭގެ އެންމެ ފުރިހަމަގޮތުގައި ތައްޔާރުކުރެވިފައި ނެތުމުންނެވެ. ގަޟާ ޤަދަރަށް ރުހެވިފައި ނެތުމުންނެވެ. ހަމައެހެންމެ ނަފްސަށް އިތުބާރުނުކުރެވުމުގެ ސަބަބުންނެވެ. ޝާއިރަކު ވިދާޅުވެފައިވެއެވެ.
”ނަފްސަށް މުޅީން ފުރިހަމަވެގެން މެނުވީ އަބަދު އިތުބާރުކަން
ނަފްސުން އެދޭފަދަ ވިދުވަރެއް ފެނެވޭގޮތެއް ނުވެޔޭ ލޮލުން“
ކަންމިހެންހުރިއިރު އުފާވެރިކަމުގެ ބަދަލުގައި ”ދަތްދޮޅިން އަތް ނުނެއްޓޭހާ“ ހިތާމަތަކެއް ލިބުމުން އެހިތާމަތައް ތިބާގެ މައްޗަށް ގަދަވެގެންފުމަށް ފުރުޞަތުދޭންވީ ހެއްޔެވެ؟ ނުވަތަ ތިބާގެ ޙަޔާތް އިންދިރާސްކޮށްލާފަދަ ޠޫފާނެއް ކުރިމަތިވުމުން އެޠޫފާނުގައި ބެެހިގެންދިއުމަށް ނަފުސު ދޫކޮށްލަންވީހެއްޔެވެ؟ ނުވަތަ ލިބޭ ކޮންމެ ދެރައަކަށް މާޔޫސްވެ އުއްމީދުގެ ހުޅުކޮޅު ނިއްވާލަންވީ ހެއްޔެވެ؟
ނޫނެކެވެ. ތިބާ އެހިތާމަތަކުގެ މައްޗަށް ގަދަވެގަތުމަށް އަތުކުރި އޮޅާލަންވީއެވެ. މައްސަލަތައް ހައިހޫނުކަމުގައި ބެހެއްޓުމަށްފަހު ފުރުޞަތުތަކަށް ކާންދޭންވީއެވެ. ކޮންމެކަމެއްވެސް ޙަޤީޤަތައިއެކު ބަލައިގަންނަންވީއެވެ.
ޔަޤީނެވެ. ހަމަކަށަވަރެވެ. ހިތްމަތާއެކު މިންނަތްކޮށްފިނަމަ ކާމިޔާބަކީ އެއްވެސް މީހަކަށް ޙާޞިލް ނުވާނެ އެއްޗެއްނޫނެވެ. އަދި ކިއެއްތަ ކާމިޔާބުގެ ދޮރަކީ އެންމެންނަށްވެސް ހުޅުވިފައިވާ ދޮރެކެވެ. އެހެންނަމަވެސް އެދޮރަށް ވާޞިލްވުމަށްޓަކައި ޤުރުބާންތަކެއް ވާންޖެހެއެވެ.
އެހެންކަމަށްވުމުން ބަލާލަންޖެހޭކަމަކީ އަޅުގަނޑުމެންނާއި ކާމިޔާބާއި ގުޅުވައިދެނީ ކޮން ކަންތައްތަކެއްކަމެވެ. ކުޑަވެސް ވަހުމެއްނެތެވެ. ކޮންމެ ކާމިޔާބަކާއި ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމެވެ. ޙިކްމަތްތެރިކަމާއި ރޭވުންތެރިކަމެވެ. ޝައުޤުވެރިކަމާއި ޞަބްރުވެރިކަމެވެ. އިތުބާރާއި ޔަޤީންކަމެވެ. ކެރުމާއި ސާބިތުކަމެވެ. ގަދަ ހިތްވަރާއި ފަންވަރެވެ. ނުގުޑާފަދަ ޢަަޒުމަކާއި ފޮޮނިއުއްމީދެވެ. މީގެއިތުރުން އަޅުގަނޑު އިސްވެދެންނެވި ފަދައިން ކަނޑައެޅިގެންވާ މަޤްޞަދެއް ތިބާގެ ކުރިމަތީގައި އޮތުމަކީ ކާމިޔާބުގެ އެއްމެބޮޑު ސިއްރެވެ.
އާދޭހެވެ. އޮޅުމެއް ބޮޅުމެއް ނެތެވެ. މާތް މަޤްޞަދެއް އޮވެގެން ކުރިއަށް ދަތުރުކުރާކަމަށްވާނަމަ މަންޒިލަށް ދެވުމަކީ ދުރުގައިވާ ކަމެއްނޫނެވެ. އަދި ކީއްހެއްޔެވެ. އެމަޤްޞަދު ތިބާގެ ދަތުރުގެ ދިގުރާސްތާ ކުރުކޮށްލަދޭމެއެވެ. ކަންމިހެން ހުރިއިރު…..
އާދެހެވެ! ކަމަކީ ވަރަށްވެސް ބޮޑުކަމެއްމެއެވެ. އެހެންނަމަވެސް ހިތާމައަކީ ވަކި މަޤްޞަދެއްނެތި ކުރިއަށްދިއުމަށްޓަކައި ނިންމާލެވޭ ނިންމުމެވެ. މިޞްރާބުއޮޅި އޮޔާއި ވައިގެ ތެރެއަށް ޙަޔާތުގެ އޮޑި ދޫކޮށްލެވުމެވެ. މިހެންކަމަށްވުމުން އޮޑި އޮންނަނީ ކޮންމެވެސް ފަރަކަށްއަރާފައެވެ. ތިބާ އަވަސްއަރުވައިނުލާށެވެ. ޙިކްމަތާއިއެކު ދަތުރު ފަށާށެވެ. ހަނދާންކޮށްލަންޖެހޭ ކަމަކީ ދަތުރުފަށާއިރު ތިބާގެ އަތުގައި ދަތުރުގެ ކޮއްތު އާދެ ކާމިޔާބާއި ގުޅިފައިވާ ސިފަތައް ހުރިތޯ ވަޒަންކޮށްލުމެވެ. ޝައްކެއްނެތެވެ. ކާމިޔާބަކީ އަވަހަށް ދަތުރުކޮށްފައި މަންޒިލަށް ދެވުމެއްނޫނެވެ. ކާމިޔާބަކީ ދަތުރުކުރުމުގެ ފާޑެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި





Maasha Allah. V molhu liyumeh. Shabyn ah mi rongun kurierummah edhen