ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނި އަންދައިގެން އުފެދޭ ހޫނުން ކަރަންޓް އުފައްދަން ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓް އުފައްދަން ފަށާފައިވާކަމަށާއި މިމަސައްކަތް ފަށާފައިވަނީ މިއަދު ރ.ވަންދޫ ކުނި މެނޭޖުކުރާ ސަރަޙައްދީ މަރުކަޒުގައިކަމަށެވެ. އަދި ކުންޏަކީ ފައިސާ ލިބޭ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރި ވަޢުދު ފުއްދަން ފަށާފައި ވާކަމަށްވެސް މިނިސްޓަރ ގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.”
ތާރީޚީދުވަހެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ކުނިން ކަރަންޓު އުފައްދަން ފަށާފިއެވެ. މިކަން ކުރީ ރ. ވަންދޫ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒުގައެވެ. ކުންޏަކީ ފައިސާ ލިބޭ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރި ވައުދު ފުދެންފެށުނީއެވެ. @ibusolih @EnvGovMv @presidencymv pic.twitter.com/w9AsrDChDj
— Hussain R. Hassan (@DrHussainHassan) July 22, 2019
ރ. ވަންދޫއަކީ ކުނި އަންދައިގެން އުފެދޭ ހޫނުން ކަރަންޓް ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ ރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. ވަންދޫގައި ކުނިން ކަރަންޓް އުފައްދައިގެން ކަރަންޓް ދޭތާ ދެތިން ދުވަސް ވެއްޖެއެވެ.
ރ. ވަންދޫގައި ދުވާލަކަށް 500ކިލޯވޯޓު ނުވަތަ ޕޮއިންޓް ފަހެއް މެގަވޮޓުގެ ކަރަންޓް އުފެއްދިގެންދާނެއެވެ. އެއާއެކު އެރަށަށް ބޭނުންވާ ކަރަންޓަކީ ތެލަށް ބަރޯސާނުވެ، ކުނި އަންދައިގެން ލިބޭ ހޫނުން އުފައްދާ ކަރަންޓަށް ވެގެންދާނެއެވެ.
މި މަޝްރޫއަށް ތިނެއް ޕޮއިންޓް ހަތަރެއް މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެގެން ދާއިރު، މިއީ އަބޫދާބީ ފަންޑް ފޯރ ޑިވޮލޮޕްމެންޓާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ލޯނެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.
މިލޯނުގެ ދަށުން ތިން ރަށެއްގައި ކުނިން 2 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޕްރޮޖެކްޓް ހިނގުމަށް ވަނީ ނިންމާފައެވެ. މި ތިން ރަށަކީ ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ، އަދި ރ. ވަންދޫ އެވެ.
