ސަޢުދީ ޢަރަބިއްޔާގެ ރައްޔިތަކަށް އޮޅުމަކުން A-350-1000 މަރުކާގެ އެއަރބަސް ދެ މަތިންދާބޯޓު ގަނެވިއްޖެއެވެ. މިއިން ބޯޓެއްގައި 366 މީހުންގެ ޖާގަ ހުރެއެވެ.
އޭނާއަށް މިހެން ދިމާވީ ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާއަކަށް މިވައްތަރުގެ މަތިންދާބޯޓުގެ މޮޑެލްއެއް ގަންނަން އުޅުމުގެ ތެރޭގައެވެ. އޭނާއަކީ ހަކަތައިގެ ސިނާއަތުގައި އިންވެސްޓް ކުރާ މީހެކެވެ. ދަރިފުޅަކީ ވައިގެ ދަތުރުފަތުރުގެ މޮޑެލް އެއްކުރަން ޝައުގު ހުންނަ ކުއްޖެކެވެ.
އޭނާ ބުނާގޮތުން އެއަރ ބަސް އުފައްދާ ކުންފުންޏަކަށް ގުޅައިގެން މޮޑެލް މަތިންދާބޯޓެއްގެ މައުލޫމާތު ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް އިނގިރޭސި ބަސް އެހާ ރަނގަޅަށް ނޭނގޭތީ މިކަމާ ވާހަކަދެއްކުންވީ އުނދަގޫ ކަމަކަށެވެ.
“ބޯޓުގެ އެތެރެއާއި ބޭރު ހުންނަން ވާނެ ގޮތާމެދު އެކުންފުނިން ވަރަށް ގިނަ ސުވާލު ކުރި. އަހަރެން ހީކުރީ ވަރަށް ފުރިހަމައަށް މޮޑެލް ހަދަންވެގެން ކުރި ސުވާލުތަކެއް ކަމަށް.” އޭނާ ބުންޏެވެ.
ދެ ބޯޓުގެ އަގަށް 329 މިލިއަން ޔޫރޯ އަރާކަމަށް ބުނުމުންވެސް އޭނާ ކަންބޮޑެއް ނުވިއެވެ. ބޭނުންވީ އެ އަގުގައިވެސް ދަރިފުޅަށް އެ ހަދިޔާ ދޭށެވެ. “އަގުގެ ވާހަކަ ދެއްކުމުގެ ތެރޭގައި އަހަންނަށް އޮޅުންއެރި. އެއަގަކީ ތަންކޮޅެއް ބޮޑު އަގެއް ނަމަވެސް އަހަރެން ދުށީ އެއީ އެކަށީގެންވާ އަގެއް ކަމަށް.”
އޭނާގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން އަގު ދެއްކިއެވެ. ދުވަސްކޮޅެއް ފަހުން އެއަރބަސް ކުންފުނިން ގުޅާފައި ދެ ބޯޓު ފޮނުވާލަން ތައްޔާރު ވެފައިވާކަމަށް އެންގިއެވެ.
“ބޯޓު ދުއްވާނީ ކާކުތޯ އެހުމުން އަހަރެން ހީކުރީ އެއީ ޖޯކެއް ކަމަށް” އޭނާ ބުންޏެވެ.
ސައުދީ މަހުޖަނު އޭނާގެ އަމިއްލަ ބޭނުމަށް އެއް ބޯޓު ބާއްވާފައި އަނެއް ބޯޓު އޭނާގެ ދެބެންގެ ދެދަރި ކުއްޖަކަށް ހަދިޔާ ކުރީއެވެ.
