މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ދުވާފަރު، ހުޅުދުއްފާރު އަދި މާކުރަތު ހިމެނޭ ގޮތަށް ޖަނަވާރުގެ ޒަރީއާއިން ޖަނަވާރުންނާއި އިންސާނުންނަށް ޖެހޭ ބަލިތައް ދެނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމެއް ފަށައިފިއެވެ. މިމަހުގެ 6 ން 11 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.
މި ހަތަރު ރަށަކީވެސް އާމްދަނީ ހޯދުމުގެ ގޮތުން ބަކައްޓާއި ކޯލިދޫނީގެ ބާވަތްތައް ވިއްސާ އާލާ ކުރަމުން ގެންދާ ހަތަރު ރަށެވެ.
މި ޕްރޮގުރާމްގެ ދަށުން ބަކައްޓާއި ކޯލި ދޫންޏަށް ޖެހޭބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ކިޔައިދިނުމުގެ އިތުރުން ފާމްތައްވެސް ބަލައި ފާސް ކުރެވޭނެއެވެ. މީގެ އިތުރުން އެ ފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސާމްޕަލް ނެގުމަށްފަހު، ބަކައްޓަށް ޖެހޭ ބައްޔެއް ކަމަށްވާ ފުޓް އެންޑް މައުތު ޑިޒީސް (އެފް.އެމް.ޑީ) އަށް ވަގުތުން ޓެސްޓް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފާމްތަކުގެ ރައްކާތެރި ކަމަށްޓަކައި (ބަޔޯ ސެކިއުރިޓީ) ޙާލަތު ބަލައި އިތުރަށް އިސްލާހު ކުރަންޖެހޭ ގޮތުން މަޝްވަރާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ރަށްތަކުގައި ގެންގުޅޭ ޖަނަވާރުތަކުގެ ތަފާސް ހިސާބުވެސް ނަގާނެއެވެ.
މި ޕްރޮގުރާމްގެ ދަށުން ޖަނަވާރުތަކުގެ ސިއްޙީ ހާލު ބެލުމަށްފަހު ފަރުވާއެއް ދޭންޖެހޭ ކަމަށް ފާހަގަ ކުރެވޭނަމަ އެ ޖަނަވާރަކަށް ފަރުވާވެސް ދެވޭނެއެވެ.
މިޕްރޮގުރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ހިމެނޭގޮތަށް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
