ޕައިލެޓެއް ކަމަށް ހެދިގެން ފްލައިޓަކުން ހިލޭ ދަތުރުކުރަން މީހަކު އުޅެފިއެވެ.
ލުފްތާންސާ އެއާލައިންގެ ޕައިލެޓުންގެ ޔުނިފޯމް އަޅައިގެން ހުރި، ރާޖް މަހްބޫބާނީ ނަމަކަށް ކިޔާ އިންޑިއާގެ މި މީހާ ދަތުރުކުރުމަށް މަސައްކަތްކޮށްފައި ވަނީ، އިންޑިއާ ގެ ވެރިރަށް ނިއު ދިއްލީގެ އިންޓަނޭޝަނަލް އެއާޕޯޓުން ކަލްކަތާ އަށް ދަތުރުކުރަން ހަމަޖެހިފައި އޮތް އެއާ އޭޝިއާގެ ފްލައިޓަކުންނެވެ.
ނަމަވެސް އެއާޕޯޓްގެ މުވައްޒަފުން، ބޯޑިންގ ކައުންޓަރު ކައިރިން އޭނާ ހިފަހައްޓާފައި ކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ. އިންޑިއާގެ “ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް” އިން އެމީހާ ހައްޔަރުކޮށްފައި ވަނީ އެއާ އޭޝިއާގެ މުވައްޒަފުން އެ މީހާ އަކީ ކާކުކަން ދެނެގަތުމަށްޓަކައި ލުފްތާންސާ ޓީމްގެ އެހީ އަށް އެދުނު ހިސާބުންނެވެ.
ލުފްތާންސާ ޕައިލެޓުންގެ ޔުނިފޯމެއް ލައިގެން ހުރެ، ނަކަލު ކޮށްފައިވާ އައިޑެންޓިޓީ ކާޑެއް ބޭނުންކޮށްގެން މި މީހާ ނިއު ދިއްލީ އިން ކަލްކަތާ އަށް ވޭތުވެދިޔަ ހައެއްކަ މަސް ދުވަހު، މިގޮތަށް ވަރަށް ގިނަ ފަހަރު ދަތުރުކޮށްފައިވާ ކަމަށް ބެލެވެއެވެ.
ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

