މަހިބަދޫ ޒުވާނުންނަށް އަމާޒުކޮށްގެން ރަށުކައުންސިލުން ކުރިޔަށް ގެންދާ މަހިބަދޫ ޒުވާނުންގެ 6 ވަނަ ނެޓްބޯޅަ މުބާރާތުގެ ކުޅުން މިއަދު ހަވީރު ފަށައިފިއެވެ.
ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކޮށް އިޖުތިމާއީރޫހް ވަރުގަދަކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމަށް ކައުންސިލުން ކުރިޔަށް ގެންދާ މުބާރާތުގައި މިއަހަރު 8 ޓީމް ބައިވެރިވެފައިވެއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ވޭތުވެދިޔަ އަހަރުގެ ޗެންޕިއަން ޒޮއިކު އަދި ރަނަރަޕް ލިލީ ޖޫނިއާރސް ގެ އިތުރުން ޓީމް ލިލީ އާއި ބެރީސް އަދި މިސްޓީރިއަސް އާއި ވިވާން ސްޕޯރޓްސް އަދި ކަމަނަ އާއި މީކަމަނަ ޓީމެވެ.

ވޭތުވެދިޔަ އަހަރުގެ މުބާރާތެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައި ވެސް މަހިބަދުއަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން އދ. އަތޮޅުގެ ރަށްތަކުގެ ކުޅުންތެރިންނާއި އަތޮޅުން ބޭރުގެ ކުޅުންތެރިން ހިމެނެއެވެ.
ރަށުންބޭރުން ގެނެސްފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވެނީ ދެވަނަ ފަހަރަށް ތަށި ހޯދުމަށް ނުކުމެފައިވާ ޒޮއިކް ޓީމަށް ގެނެސްފައިވާ ގައުމީ ނެޓްބޯޅަ ޓީމްގެ ރާސިދާ މޫސާ އާއި އީމާ އަބްދުއްސައްތާރު އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބެރީސް އާއި ވާދަކޮށް ވިވާން ސްޕޯރޓްސް ވަނީ މޮޅުވެފައެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވިވާން ސްޕޯރޓްސްގެ ހަދީޖާ ހަސަން އެވެ.

ދެވަނަ މެޗްގައި ޓީމް ލިލީ އާއި މިސްޓީރިއަސް ވާދަކޮށްފައި ވާއިރު މިމެޗް ކާމިޔާބުކޮށްފައި ވަނީ ޓީމް ލިލީއެވެ. މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ލިލީ އާއިޝަތު ފަރިޔާލު އެވެ.
މިމުބާރާތުގެ ދެމެޗް މާދަމާ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވޭތުވެދިޔަ އަހަރުގެ ޗެންޕިއަން ޒޮއިކު އާއި މީކަމަނަ ޓީމެވެ. ދެވަނަމެޗްގައި ބައްދަލުކުރާނީ ވޭތުވެދިޔަ އަހަރުގެ ރަނަރަޕް ލިލީ ޖޫނިއާރސް އާއި ކަމަނަ ޓީމެވެ. ހެނދުނުގެ ފުރަތަމަމެޗް 6:00 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު ހަވީރު ވެސް ދެމެޗް ކުޅޭނެއެވެ.
