ޝީޝާ އަކީ އޭގައި ބޭނުން ކުރާ ދުންފަތުގައި މޭވާގެ ރަހަ ނުވަތަ މޮލާސަސް ޝުގަރ އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އޭގެ ސަބަބުން ޝީޝާގައި އުފައްދާ ދުމުން މީރުވަސްދުވައެވެ. އެންމެ އާއްމުގޮތެއްގައި ބޭނުންކުރާ ފްލޭވާރސް ތަކުގެ ތެރޭގައި އާފަލު، ސްޓްރޯބެރީ، މިންޓް އަދި ކޯލާ ހިމެނެއެވެ.
ޝީޝާގައި ބޭނުން ކުރާ ދުންފަތަކީ ސިގިރޭޓްގައިވެސް ބޭނުންކުރާ ދުންފަތެވެ. އެހެން ކަމުން ސިގިރޭޓް ބުއިމާއި އެއްފަދައިން ޝީޝާ ބުއިމުންވެސް ހިތުގެ ބަލިތައް ޖެހުމާއި ކެންސަރުޖެހެެވެ.
ޝީޝާއަކީވެސް އެއަށް ދެވި ހިފާ ނިކޮޓިން ހިމެނޭ އެއްޗެކެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ކުރި ދިރާސާއަކުން ހާމަވާގޮތުގައި ޝީޝާގެ 1 ގަޑިއިރުގެ ސެޝަންއެއް 100 ސިގިރޭޓް ބުއިމާއި އެއްވަރެވެ.
ޝީޝާގެ ދުމުގެ ސަބަބުން ތިމާއާއި ތިމާގެ ކައިރީގައި ތިބޭ އެހެން މީހުންނަށްވެސް ގެއްްލުން ލިބެއެވެ. އޭގެން ނުކުންނަ ދުމުގައި ކާބަން މޮނޮކްސައިޑް ކިޔާ ވިހަ މާއްދާއެއް އެކުލެވިގެން ވެއެވެ. އޭގެ ސަބަބުން ލޭގައި ހިމެނޭ އޮކްސިޖަންގެ މިންވަރުދަށްވެ ހިތުގެ ބަލިތަކަށް މަގުފަހިވެގެން ދެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ޝީޝާ ބުއިން މިހާރުމިވަނީ އާއްމުކަމަކަށް ވެފައެވެ. ޒުވާނުންގެ ތެރޭން ގިނަ ބަޔަކު އެތައް ވަގުތެއް ޝީޝާ ބުއިމަށް ހޭދަކުރެއެވެ. މާލެއެކޭ ތަފާތެއް ނެތި ރާއްޖޭގެ ރަށްރަށުގައިވެސް މިކަން ކުރާ މަންޒަރު ދަނީ ފެންނަމުންނެވެ. ރެސްޓޯރެންޓާއި ކެފޭތަކުގައި އެކަމަށް ޚާއްސަ ކޯނަރތައް ހަދާފައި ހުންނައިރު ފުރުސަތުގެ ބޭނުންކޮށް ވިޔަފާރިވެރިން ދަނީ ޝީޝާ ވިއްކައިގެން ނަފާ ހޯދަމުންނެވެ.
ޝީޝާ ބޭނުން ކުރުމުުން ތިމާއާއި ތިމާ ކައިރީގައި ތިބޭ މީހުންނަށް ގެއްލުން ލިބޭއިރުވެސް ވިސްނާލުމަކާއި ނުލައި އެ ބޭނުންކުރާ މީހުން ދަނީ އިތުރުވަމުންނެވެ. އެއްބަޔަކު މަޖަލަކަށް މިކަން ކުރާއިރު އަނެއް ބަޔަކު މިކަން ކުރަނީ ރިލެކްސްވެލުމަށެވެ.
މިކަމަކީ އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންދޭ އަދި އަޚްލާގީ ގޮތުންވެސް ނޭދެވޭ ޢަމަލެކެވެ. ވަގުތާއި، ބޭކާރުގޮތެއްގައި އިސްރާފްކުރެވޭ ފައިސާތަކެކެވެ.
