އަންނަ ޑިސެމްބަރު މަހު 1 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ގައުމީ ފިރިހެން އަދި އަންހެން ފެތުންތެރިންގެ ޓީމު އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތައް ހެދުމަށްޓަކައި ރޭ އިންޑިއާ އަށް ފުރައިފިއެވެ.
ފެތުންތެރިންގެ ޓީމުގައި ހިމެނެނީ 6 ފިރިހެން ފެތުންތެރިންނާއި، 4 އަންހެން ފެތުންތެރިންނެވެ. އޮލިމްޕިކް ސްކޯލާޝިޕް ގެ ދަށުން އޮސްޓްރޭލިއާ އަދި މެލޭޝިއާ ގައި ތަމްރީނުތައް ހަދަމުން ގެންދާ މުބާލް އައްޒާމް އިބްރާހިމް އަދި އާއިޝަތު ސާޖިނާ ފިޔަވައި އެހެން ފެތުންތެރިން އިންޑިއާގައި ކޭމްޕް ކުރާނެ ކަމަށް ކަމަށް ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދީފައިވެއެވެ. މުބާލް އަދި ސާޖިނާ ޓީމާއި ގުޅުމަށް ހަމަޖެހިފައިވަނީ ނޭޕާލް އިންނެވެ.
މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގައުމީ ރެކޯޑުތައް ހަދާފައިވާ ކުރީގެ ފެތުންތެރިޔާ ފާތިމަތު ފާރިހާ އެވެ. ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގައުމީ ހެޑް ކޯޗު އިބްރާހީމް މޫސާ އާއި، ގައުމީ އެސިސްޓަންޓް ކޯޗު އާދަމް މުޙައްމަދެވެ.
ސައުތު އޭޝިއަން ގޭމްސް ގައި ބައިވެރިވުމަށް ގައުމީ ފިރިހެން އަދި އަންހެން ފެތުންތެރިންގެ ޓީމް ނޭޕާލަށް ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ އިންނެވެ.
13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމު:
ފިރިހެން ޓީމް:
މުބާލް އައްޒާމް އިބްރާޙީމް
ޢަލީ އިއްމާން
ޙަސަން އަޝްރަފް
ޙުސައިން ހާއިޝް ޙަސަން
ޙުސައިން މުބާޙް
މުޙައްމަދު އާން ޙުސައިން
އަންހެން ޓީމް:
އާއިޝަތު ސައުސަން
އާއިޝަތު ސާޖިނާ
އާއިޝަތު އުލްޔާ ޝާއިޤް
ހަމްނާ އަޙްމަދު
