ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެންޗެސްޓަރ އަކީ ރަތް ކުލަ، ސިޓީ އަށް އިތުރު މާޔޫސްކަން

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ 2-1 ގެ ނަތީޖާއަކުން އަވަށްޓެރި ވާދަވެރިޔާ، މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރިހޯދައިގެން މެންޗެސްޓަރ އަކީ ރަތްކުލަ ކަން މެންޗެސްޓަރ ޔުނައިޓެޑް އިން ދައްކައިދީފިއެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑު، އެތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މާކަސް ރަޝްފޯޑަށް ސިޓީގެ ޕެނަލްޓީ އޭރިއާ އެތެރެއިން ބާނާޑޯ ސިލްވާ ކުރި ފައުލަކާއި ގުޅިގެން، 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރަޝްފޯޑް ވަނީ ޔުނައިޓެޑް އަށް މެޗުގެ ލީޑުނަގައިދީފައެވެ. ޔުނައިޓެޑް އިން އެ ގޯލް ކާމިޔާބުކުރިތަން ފަސް މިނެޓު ފަހުން އެންތަނީ މާޝިއަލް ވަނީ ގޯލެއް ޖަހާ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.

ރަޝްފޯޑް ޕެނަލްޓީ ޖަހަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ސިޓީ އިން މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނު ނަމަވެސް، ގިނަ ހަމަލާތައް އުފައްދާފައިވަނީ ޔުނައިޓެޑުން ކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ކައުންޓަރ އެޓޭކް ތަކުގައި ޔުނައިޓެޑްގެ ނުރައްކާ ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ. ދެވަނަ ހާފުގައި ސިޓީގެ ހަމަލާތައް އިތުރުކޮށް ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. މެޗުގައި ސިޓީ ޖެހި ގޯލު ކާމިޔާބުކޮށްދިނީ، އެ ޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް އަނިޔާވެގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. މި މެޗުގައި ސިޓީގެ ޑިފެންޑަރުންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެއްކަން ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.

އޮޓަމެންޑީ ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ރޭގެ މެޗުގައި ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ އެތެރެއިން އެޓީމުގެ ޑިފެންޑަރުންގެ އަތުގައި ދެ ފަހަރެއްގެ މަތިން ޖެހުނު ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ޗެކްކުރުމަށް ފަހު، އެއީ ޕެނަލްޓީ އެއް ނޫންކަމުގައި ރެފްރީ ވަނީ ނިންމާފައެވެ. މެޗު ނިމެން އުޅެނިކޮށް ޔުނައިޓެޑް އަށް ލިބުނު ކޯނަރެއް ފްރެޑް ނަގަން ދިޔަތަނާ، ސިޓީ ގެ ސަޕޯޓަރުން ވަނީ އޭނާ ބޯމަތީގައި އެއްޗަކުން ޖަހައި، ނަސްލީ ގޮތުން އޭނާއާއި ދިމާކޮށްފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގައި ބޮޑެތި ޓީމުތަކާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. ޗެލްސީ އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އާސެނަލް އަތުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. ލިވަޕޫލް އާއި ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޓޮޓެންހަމް އަތުން ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުން ހޯދި މޮޅާއެކީ 16 މެޗުން 24 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. ސިޓީ އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. މި މެޗުން ބަލިވުމުން ސިޓީ އިން ލީގު ހޯދުމަށް ކުރަމުން އަންނަ އުންމީދުތަކަށް ވަނީ ހުރަސްއެޅިފައެވެ. ސިޓީ އާއި ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Hajam6 އަހަރު ކުރިން

Kada ey bro habaru liyaairu vaanuvaaga.. var mi season ga huree mulhin city aa dhekolhah man city liverpool match gaves vee ehen untd match ga ves vee ehen.. ehen team thakah var balaaf libey cuty champion veema kada vanee bayaku.. manchester is blue haham bro

Home
Menu
Search
Back to top