ދުނިޔޭގެ އުތުރު ދަނޑި (މެގްނެޓިކް ނޯތު ޕޯލް) ވަރަށް ބާރުމިނުގައި ކެނެޑާ އިން ސައިބީރިއާ އާއި ދިމާލަށް ދަތުރުކުރަމުންދާ ކަމަށް އެންމެ ފަހުގެ ސެޓްލައިޓް ޑާޓާ ތަކުން ދައްކައިފިއެވެ.
ދުނިޔޭގެ ދަގަތްފާނުގެ ފަށަލަތައް ދައުރުވާ ގޮތްތަކުގެ ރެކޯޑުތައް ބަލަހައްޓާ ވޯލްޑް މެގްނެޓިކް މޮޑެލް (ޑަބްލިޔޫ.އެމް.އެމް) ގެ ޑާޓާތަކުން ދައްކާގޮތުގައި ދުނިޔޭގެ އުތުރު ދަނޑި އަންނަނީ އަހަރަކު 30 މޭލު ބާރުމިނުގައި ދަތުރުކުރަމުންނެވެ. ވޯލްޑް މެގްނެޓިކް މޮޑެލް އަކީ ސަމުގާތަކާއި، ޗާޓުތަކާއި އަދި ޖީޕީއެސް ފަދަ ޚިދުމަތްތައް ދެމުންގެންދާ ކުންފުނިތަކަށް ދުނިޔޭގެ ދަގަތްފާނުގެ ފަށަލަތަކަށް އަންނަ ބަދަލުތައް ފޯރުކޮށްދީ، އެ ތަކެތި އަދާއި ހަމަކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ވޯލްޑް މެގްނެޓިކް މޮޑެލް އިން އަންދާޒާ ކުރާގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އުތުރު ދަނޑި އަހަރަކު 25 މޭލު ބާރުމިނުގައި ސައިބީރިއާ އާއި ދިމާލަށް ދަތުރުކުރަމުންދާނެއެވެ.
ދުނިޔޭގެ އުތުރު ދަނޑި 1590 ވަނަ އަހަރުން ފެށިގެން 1990 ވަނަ ވަނަ އަހަރާއި ހިސާބަށް ބަދަލުވެފައި ވަނީ ގާތްގަނޑަކަށް 6.2 މޭލަށް ކަމަށް ބްރިޓިޝް ޖިއޮލޮޖިކަލް ސާވޭ ސެންޓަރުން ބުނެފައިވެއެވެ. ނަމަވެސް އުތުރު ކެނެޑާ ވަށައިގެން އުތުރު ދަނޑި ބަދަލުވަމުން އަންނަތާ ސަތޭކަ ވަރަކަށް އަހަރު ފަހުން މިހާރު ވަނީ އަހަރަކު 30 މޭލު ބާރުމިނުގައި ސައިބީރިއާ އާއި ދިމާލަށް މިސްރާބު ޖަހާފައެވެ.
ދުނިޔޭގެ އުތުރު ދަނޑީގެ މިސްރާބު މިގޮތަށް ބަދަލުވުމުން އުތުރު ދަނޑީގެ އަލި (ނޮދަން ލައިޓް) ވެސް ކެނެޑާ އާއި ދުރަށް ދަތުރުކުރާނެއެވެ. މިހާ ބާރުމިނުގައި އުތުރު ދަނޑި މިގޮތަށް ދަތުރުކުރަމުންދާނަމަ، އިރުގެ ނުރައްކާތެރި ރޭޑިއޭޝަންތަކުން ދުނިޔެ ރައްކާތެރިކޮށްދޭ ދަގަތްފާނުގެ ފަށަލަތަކުގެ ބާރު ނެތިގޮސް، ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށް ބްރިޓިޝް ޖިއޮލޮޖިކަލް ސާވޭ ސެންޓަރުން ބުނެފައިވެއެވެ. ނަމަވެސް އެކަން އެގޮތަށް ހިނގަން ގާތްގަނޑަކަށް 5000 – 10000 އާއި ދެމެދުގެ އަހަރުތަކެއް ނަގާނެ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
