ޒުވާން އަންހެންކުދިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރި ވަރުން ދަވަންގެ ކައިވެނި އަންނަ އަހަރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވަރުންގެ ކައިވެނީގެ ވާހަކަތައް ދެކެވެމުންދާތާ ދުވަސްތަކެއްވެފައި ވާއިރު ވަރުންގެ ބައްޕަ އަދި ކާމިޔާބު ޑައިރެކްޓަރ ޑޭވިޑް ދަވަންގެ ވާހަކައިގަވެސް ވަރުންގެ ކައިވެނި 2020 ގައި ކުރާ ވާހަކަ ވަނީ ބުނެފައެވެ.
ވަރުން އާއި ލޯބިވެރިޔާ ނަތާޝާ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
މީގެ ކުރިންވެސް ވަނީ ވަރުންގެ ކައިވެނީގެ ވާހަކަތައް އެކި ފަހަރު މަތިން ދެކެވިފައެވެ. މިގޮތުން މި އަހަރުގެ ނޮވެމްބަރު މަހުގައިވެސް ވަރުންގެ ކައިވެނި ކުރެވޭނެކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ވަރުން އާއި ނަތާޝާގެ ގުޅުން ފެށިފައި ވަނީ އެކީގައި ކިޔެވި ދުވަސްވަރުން ފެށިގެންނެވެ. ދެމީހުންގެ ޒަމާންވީ އެ ގުޅުމަށް ދެ ފަރާތުގެ އާއިލާއިން ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުންނެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ވަރުން އާއި ނަތާޝާގެ ކައިވެންޏަށް ދެ ފަރާތުގެ އާއިލާއިން ދަނީ ފުރި ހަމައަށް ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް ކައިވެނި އޮންނާނެ ތަނަކާއި ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.
ބެލުންތެރިންނަށް ވަރުންގެ ފިލްމެއް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖެނުއަރީ 2020ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު “ސްޓްރީޓް ޑާންސަރ” އެވެ.
