ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ތޭރަވަނަ މެޗުގައި ޔޫތު ފުރެންޑްސް އާއި، އަހުލީ ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފާހަގަ ކުރެވުނީ ދެ ޓީމުންވެސް ފަހަތަށް ހާއްސަ އިސްކަމެއް ދީގެން ކުޅުނު މެޗެއްގެ ގޮތުގައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖަހާނެ ތަނަވަސް ފުރުޞަތެއް ނުހޯދިއެވެ.

ކުޅުމުގެ ތެރެއިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ
ފަހު ހާފުގައި އަހުލީއަށް ލަނޑެއް ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 6 ސިފާން ހަސަނަށެވެ. އޭރިޔާގެ ބޭރުން ފޮނުވައިލި ހިލޭޖެހުމެއް ޔޫތު ފުރެންޑްސްގެ ޑިފެންޑަރު ބޮލުގައި ޖެހިފައި ކުޑަ އޭރިޔާގެތެރެއަށް ވެއްޓުނު ވަގުތު ޝިފާނު ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ހުށިޔާރު ކަމާއިއެކު ޔޫތު ފުރެންޑްސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޔޫތު ފުރެންޑްސްއަށް ވެސް ފަހު ހާފުގައި ލަނޑެއް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ވަނީ ގޮސްފައެވެ. މިގޮތުން އެ ޓީމުގެ ޖޯޒީ ނަންބަރު 33 އާދަމް އިބުރާހިމަށާއި އަދި އެ ޓީމުގެ ޖޯޒީ ނަންބަރު 11 މުހައްމަދު މަފާޒަށް ލިބުނު ފުރުޞަތު ފާހަގަކުރެވެއެވެ. މި ހުރިހައި ހަމަލާ އެއްވެސް މިއަދު މެޗުގައި މޮޅުކުޅުމެއް ދެއްކި އަހުލީގެ ކީޕަރު ވަނީ ހުށިޔާރު ކަމާއިއެކު ދިފާއުކޮށްފައެވެ.
އިއްޔެގެ މެޗާއި އެކު އަހުލީއަށް ގުރޫޕު ސްޓޭޖުގެ މެޗުތައް ނިމިފައިވާއިރު އެ ޓީމު މިވަގުތު އޮތީ ފަސްމެޗުން އަށް ޕޮއިންޓު ލިބިގެން ތާވަލުގެ ދެވަނައިގައެވެ. ނަމަވެސް އެ ޓީމަށް މިއަދު މެޗު އެއްވަރު ވުމުން ވަނީ ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. ޔޫތު ފުރެންޑްސް އަށް އަދި ބާކީ އެއްމެޗު އޮތްއިރު، އެ މެޗުން މޮޅުވެގެން ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރިހަމަ ބާރު އެ ޓީމަށް އެބައޮތެވެ. ނަމަވެސް ގުރޫޕު ސްޓޭޖު ފަހު މެޗުގައި ޔޫތު ފުރެންޑްސް ވާދަކުރަން ޖެހޭނީ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ޝީލްޑާއެވެ.

އާދަމް ސަލީމް ކަޕް ގެ ތާވަލު
އިއްޔެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަހުލީ ޓީމުގެ ޖޯޒީ ނަންބަރު 16 މުހައްމަދު ރިޝްފާނެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށް ދެއްވީ އިއްޔެ މެޗުގެ ޝަރަފުވެރި މެހެމާނު ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްފާޟިލް އިދުރީސް އަބްދުﷲ އެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ޓީމު ރިއަލް ސްޓާރސް އާއި ޓީމު ޔުނީފޯމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ
