އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ، ޝެފީލްޑް ޔުނައިޓެޑާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވިއިރު، އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ރެކޯޑެއް ހަދައިފިއެވެ.
މެންޗެސްޓަރ ސިޓީ ގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެ ގޯލު ވެސް ފަހު ހާފުގައި ފެނިގެންދިޔައިރު، ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އަދި ގިނަ ހަމަލާތައް އުފައްދާފައިވަނީ ސިޓީން ކަން ފާހަގަކޮށްލެވެއެވެ. ސިޓީގެ ފުރަތަަމަ ގޯލު 52 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. ޝެފީލްޑް ޔުނައިޓެޑުން ހަމަލާތަކެއް އުފެއްދި ނަމަވެސް، ސިޓީ ގެ ގޯލަށް އޭގެއިން އެއްވެސް ހަމަލާއެއް އަމާޒުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ސިޓީ ގެ ދެވަނަ ގޯލު 82 ވަނަ މިނެޓުގައި ރިޔާދު މާރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޑިބްރޭނާ އެވެ.

ގޯލުޖެހުމަށްފަހު ޑިބްރޭނާ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް
މި މެޗުން ސިޓީ މޮޅުވުމާއެކު، އިނގެރޭސި ޕްރިމިއަރ ލީގުގައި އެންމެ އަވަހަށް 100 މެޗުން މޮޅުވި ކޯޗުގެ ރެކޯޑު ޕެޕް ގާޑިއޯލާ ވަނީ މުގުރާލާފައެވެ. ގާޑިއޯލާ 134 މެޗުން 100 މޮޅު ހޯދިއިރު، ކުރިން މި ރެކޯޑު އޮތީ 142 މެޗުން 100 މޮޅު ހޯދި ހޯސޭ މޮރީނިއޯ އަތުގައެވެ. މި ލިސްޓުގެ ތިންވަނައިގައި 159 މެޗުން 100 މޮޅު ހޯދައިގެން ލިވަޕޫލް ގެ ކޯޗު ޔާގެން ކްލޮޕް އޮތްއިރު، ހަތަރުވަނައިގައި 162 މެޗުން 100 މޮޅު ހޯދައިގެން އޮތީ މެންޗެސްޓަރ ޔުނައިޓެޑް ގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން އެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ކުޅުނު 20 މެޗުން 41 ޕޮއިންޓް ހޯދައިގެން ސިޓީ އޮތީ ތާވަލުގެ ތިންވަނައިގައެވެ.
