ދުނިޔޭގެ މަޝްހޫރު ޚަބަރު ޗެނަލެއް ކަމުގައިވާ ސީއެންއެން އިން ތައްޔާރުކުރި ދުނިޔޭގެ މަޝްހޫރު ރިހަތަކުގެ ލިސްޓުގައި ދިވެހިރާއްޖޭގެ މަސްރިހަ ހިމެނިއްޖެއެވެ. މި ލިސްޓުގައި ހިމެނެނީ ދުނިޔޭގެ އެކި ބައްރުގެ 12 ގައުމެކެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ރިހައަކީ އެންމެ ކަމުދާ “ލައިގެންކާ” އެއްޗެވެ. އާންމުކޮށް ރިހަ ކަނީ ބަތާއެކު ނުވަތަ ރޮށްޓާ އެކުއެވެ.

މަސްރިހަ ކައްކަން ބޭނުންކުރަނީ ކާށިކިރާއި މިރުހާއި ހަވާދާއި ކޮށާފައިހުރި ރޯމަހެވެ. ދިވެހީންގެ އެހެން ރިހަތަކުގެ ތެރޭގައި ހުތްފޮނި އަނބުރިހައާއި ކުކުޅު ރިހައާއި ތަރުކާރީ ރިހަ، ބަރަބޯރިހަ، މާޅޮސްކޭލު ރިހަ ހިމެނެއެވެ.
ސީއެންއެންގެ ލިސްޓުގައި ގައުމުތައް ތަރުތީބު ކޮށްފައިވަނީ އިނގިރޭސިބަހުން ލިޔުނީމާ އަލްފަބެޓިކަލް އޯޑަރުން ނެވެ. އެއީ މީރުކަމުގެ ގޮތުން ނުވަތަ މަޝްހޫރު ކަމުގެ ގޮތަކުން ނޫނެވެ. ވީމާ މިވެނި ރިހަ އަކީ އެއްވަނަ ރިހައޭ ބުނެވޭކަށް ނެތެވެ. ދުނިޔޭގައިވާ 195 ގައުމުގެ ތެރެއިން ހޮވާލެވުނު 12 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނުކަމީ ދިވެހީންނަށް ލިބުނު ޝަރަފެކެވެ.
