މުޙައްމަދު އުމަރުމަނިކް ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު އިންޑިއާގެ ޓެމިލްނާޑޫގެ އެގްރިކަލްޗަރ ޔުނިވަރސިޓީގައި ކުރިއަށް ގެންދިޔަ ހަމަސް ދުވަހުގެ ތަމްރީން ޕްރޮގްރާމް ނިންމައި ބައިވެރިން މާލެ އަތުވެއްޖެއެވެ.
ދަނޑުވެރިކަމުގެ މަޢުލޫމާތު ވީހާވެސް ކައިރިން ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށްޓަކައި ކަމުގެ ފަންނީ މީހުން ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހިންގަމުން ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން އެކި ރަށްރަށުގައި ޤާއިމްވެ ތިބޭނެ ފީލްޑް އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މިއީ މިފަދަ ތަމްރީނެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
މިކޯހުގެ ދަރިވަރުންނަށް ތަމްރީނު ދެވުނު ބައިތަކުގެ ތެރޭގައި ދިވެހި ދަނޑުވެރިން އާންމުކޮށް ތަޖުރިބާ ކުރަމުން އަންނަ ތަފާތު ބަލިތައް ތިމާވެއްޓާއި ރައްޓެހި އުކުޅުތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރުމާއި، ދަނޑުވެރި ރަށްރަށުގެ ފެންފަށަލައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް، އެންމެ އެކަށީގެންވާ ގޮތެއްގައި ފެނުގެ ވަޞީލަތް މެނޭޖްކޮށް ބަލަހައްޓާނެ ގޮތްތަކާއި، ފަސްގަނޑުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ޤައުމެއްގެ ދަނޑުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަވާނެހެން މަސައްކަތްތައް ބައްޓަން ކުރާނެ އުކުޅުތައް ހިމެނެއެެވެ.

މިޕްރޮގްރާމްގެ ބައިވެރިންނާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދު އާއި ޔުނިވާސަލް ފައުންޑޭޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.
ބައިވެރިންނާއި މުޚާތަބުކޮށް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެފައި ވަނީ މިކޯހަކީ އިންޑިޔާގެ އުނިވާސިޓީއެއްގައި ފުރިހަމަކުރި ކޯހެއް ކަމުގައިވިޔަސް، ކޯހުގައި ކިޔަވާދެއްވި މައިގަނޑު ބައިތައް ބައްޓަންކޮށްފައިވަނީ ދިވެހި ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް މިނިސްޓްރީގެ ޢިލްމީ އަދި ފަންނީ މުވައްޒަފުންގެ ލަފާގެ މަތިންކަމަށެވެ. އަދި ބައިވެރިންގެ ފަރާތުން އެދި ލައްވާފައިވަނީ މިކޯހުން ލިބުނު މައުލޫމާތާއި ހުނަރުގެ ބޭނުން ފުރިހަމަޔަށް ހިފައިގެން ދަނޑުވެރިންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކައިދީ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށެވެ.

މިނިސްޓަރ ވަނީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް އެ ފައުންޑޭޝަންގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު އުމަރު މަނިކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯހުގެ ބައިވެރިންނަށް އެ ފައުންޑޭޝަނުން ކުރެއްވީ ބޭކާރު ޚަރަދަކަށް ވިޔަ ނުދެއްވާނެ ކަމަށާއި މިނިސްޓްރީން ހިންގާ އެކި ޕްރޮގްރާމްތަކުގައި އެކުދިންގެ ބޭނުން ހިފަމުން ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ މިއަދު ވަނީ ދެއްވާފައެވެ.
ތަމްރީން ފުރިހަމަކޮށް ރާއްޖެ އައިސް ކައުންސިލްތަކާއި ގުޅިވަޑައިގަންނަވާ، ނުވަތަ ރަށްރަށަށް އެނބުރި ވަޑައިގަންނަވާ ކުދިންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިއްޕެވުމަށާއި އެކުދިންނާއި ދަނޑުވެރިން ގުޅުވައިދިނުމަށް ކައުންސިލްތަކަށް މިނިސްޓަރ ވަނީ ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. މިކޯހުގައި މިނިސްޓްރީގެ މުވައްޒަފަކާއި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދު، ގއ. މާމެންދޫ އަދި ފުވައްމުލަކުން ޖުމްލަ 6 ބޭފަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. ކޯހުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޔުނިވާސިޓީއަށް ކުރަންޖެހޭ އެންމެހާ ޚަރަދުތައް ކުރައްވާފައިވަނީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުންނެވެ
