ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގައުމީ އަދަބީ އީދު މިއަހަރު މާލެއާއި ފުވައްމުލަކުގައި

‏ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ގައުމީ ފެންވަރުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ އީދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެއާއި ފުވައްމުލަކުގައެވެ.

ދިވެހިބަހުގެ އެކެޑަމީން މާލޭ އިސްކޫލުތަކުގެ ދަރިވަރުންނަށާއި އަދި މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް އަމާޒުކޮށްގެން މި އަހަރު ބޭއްވުމަށް  ހަމަޖެހިފައިވާ އަދަބީ އީދުގެ އެކިއެކި މުބާރާތްތަކުގެ ގުރުއަތުލުން މިމަހުގެ 16ވަނަ ދުވަހު ދިވެހިބަހުގެ އެކެޑަމީގައި ވަނީ ބާއްވާފައެވެ.

ވާދަވެރި މާހައުލެއްގައި އަދަބީ އެކިއެކި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރަށް، ޅެން ހަދަން ދަސްކޮށްދިނުމާއި ވާހަކަދެއްކުންތެރިކަން ދަސްކޮށްދިނުމާއި ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުން ފަދަ ހަރަކާތްތަކާއި ކުރު މުއްދަތުގެ ކޯސްތައް އެކެޑަމީން މިހަރަކާތާއި ގުޅުވައިގެން ކުރިއަށް ގެންދެއެވެ. 

ވާދަވެރިކޮށް ކުރިއަށްގެންދާ މުބާރާތްތަކުގެ ތެރޭގައި އައު ލަފުޒު މުބާރާތާއި ރައިވަރު ކިޔުމާއި ޅެން ހުށަހެޅުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި ވާހަކަ ހުށަހެޅުން ފަދަ އަދަބީ މުބާރާތްތައް ހިމެނެއެވެ. މިފަދަ އީދުތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އަދަބީ އަދި ގައުމީ ރޫހު އާލާވުމާއި އެކުވެރިކަން އާލާވުން ފަދަ އިޖުތިމާއީ ރަނގަޅު އާދަތަކާއި އަދަބުތައް ދަސްވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެއެވެ.

ދިވެހިބަހުގެ އެކެޑެމީން 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި އަތޮޅުތަކުގައި އަދަބީ އީދު ބާއްވާފައިވެއެވެ. އެގޮތުން 2014ވަނަ އަހަރު ގއ. ވިލިނގިލި، 2015ވަނަ އަހަރު ގދ. ތިނަދޫގައި ބޭއްވުމުގެ އިތުރުން 2016ވަނަ އަހަރު ޅ. ނައިފަރު އަދި 2017ވަނަ އަހަރު މ. މުލީގައި އަދަބީ އީދު ބޭއްވިއެވެ. މިދިޔަ އަހަރު މި ޢީދު ބޭއްވީ ނ. މަނަދޫގައެވެ. 2018 ގައި މި ޢީދު ބާއްވާފައެއް ނުވެެެއެވެ.

އަދަބީ އީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި އެ ކަންކަމަށް އޮންނަ ޝައުގާއި ލޯބި އިތުރުކުރުމުގެ މަގުސަދުގައި ދިވެހިބހުގެ އެކެޑަމީން ބާއްވަމުން އަންނަ  ކާމިޔާބު އަދަބީ ހަރަކާތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top