“ދަނޑުވެރި ނަފާ” ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ %30 ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކަނބަލުންނަށް ޚާއްސަކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އިން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ކަނބަލުންނަށް މި ލޯން ޕްރޮގްރާމުގައި ވަކި ނިސްބަތެއް ޚާއްސަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދަނޑުވެރިކަމަކީ އިޤްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކުރުމެވެ. އަދި މިދާއިރާގައި ހަރަކާތްތެރިވާ ކަނބަލުން ކުރަމުންދާ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމެވެ.
“ދަނޑުވެރި ނަފާ” ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.
ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން “އަންހެން ދަނޑުވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގްރާމެއް އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނާންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ،ޑިޒައިންކޮށް ހިންގުން” ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނުންވާފައެެވެ.
މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސްކަމަށްވުމުން، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތަށް ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހާ ހީވާގި ކަނބަލުންނަށް މިނިސްޓްރީގެ ނަމުގައި އަރިސްކުރާ ކަމަށާއި އަދި ކަނބަލުންނަށް ޚާއްސަކުރެވިގެން މިއަދު މިހުޅުވާލެވޭ ލޯނު ފުރުސަތުގެ ބޭނުން ކުރައްވައިގެން، ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާވެގެން ދިޔުމަކީ މިސިނާއަތުގެ ކުރިއެރުންކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
ލޯން ޕްރޮޤްރާމްގެ ފޯމް ލިބެން ހުންނާނީ އެސް.ޑީ.އެފް.ސީ އިންނާއި މިމިނިސްޓްރީން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސް.ޑީ.އެފް.ސީ. އިންނެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3339261 ނުވަތަ އެސް.ޑީ.އެފް.ސީ ގެ ނަންބަރު 3306999 އަށް ގުޅުއްވުމަށް އެ ފަރާތުން އެދިލައްވައެވެ.
