ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ގެ ފަރިތަކުރުންތައް މެދުކަނޑާލައި، ހުރިހާ ކުޅުންތެރިން ކަރަންޓީނުކޮށްފިއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސްޕެއިންގެ ފުރަތަަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަން ވެސް މެދުކަނޑާލާފައި ވާއިރު، ކުޅުންތެރިން އަމިއްލައަށް އެކަހެރިވެ، އެކުޅުންތެރިންގެ ގެތަކުގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުންތެރިންނަށް އަންގާފައެވެ.
ބާސެލޯނާ އިން މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި އެޓީމުގެ ކުޅުންތެރިން އެކުޅުންތެރިންގެ އަމިއްލަ ގެތަކުގައި ތަމްރީނުތައް ކުރިއަށް ގެންދާނީ ޓްރެއިނިންގ ސްޓާފުންގެ ބެލުމުގެ ދަށުންނެވެ. ބާސެލޯނާ އިން އެ ނިންމުން ނިންމާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބޯޑު މެމްބަރުންނާއި އަދި ސިއްޙީ މާހިރުންނާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.
ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ލީގުތައް މެދުކަނޑާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
