އިއްޔެ ރާއްޖެ އައި ގަތަރު އެއާވޭސްގެ ފްލައިޓުން ދަތުރުކުރި ނުވަ ބިދޭސީއަކު ހޯމް އައިސޮލޭޝަނަށް ދާން އަންގައި ދެ ކްރޫ މެމްބަރުން ކަރަންޓީނު ކޮށްފި އެވެ.
އެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު އެ ފްލައިޓުންގައި އިން ދިވެއްސެއް ވަނީ އެކަހެރިކޮށްފަ އެވެ.
އެ ދިވެހި މީހާއަކީ ސްޕެއިންގައި ޓްރާންސިޓް ވެފައި އައި މީހެއް ކަމަށް ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި އޭނާ އެކަހެރިކޮށްފައި ވަނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.
ފްލައިޓު ޖެއްސުމާ އެކު އެ ފްލައިޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި ސްޕެއިން އިން އައި ދިވެހި މީހާ 14 ދުވަހަށް ކަރަންޓީނު ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް ބަދަލުކޮށް، އޭނާއާ ކޮންޓެކްޓްވި 12 މީހަކު އެހަހެރިކޮށް ފްލައިޓުގައި ދެން ތިބި މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ސްޕެއިންއަކީ މިހާރު ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ އެއް ގައުމެވެ. އެހެންކަމުން އެގައުމުން ފަތުރުވެރިން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.
