ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން އެއްތަނަކަށް ޖަމާނުވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ދެއްވާފައިވާ އިރުޝާދުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓަށް އެތަނުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ފިޔަވައި އާންމުންނަށް 22 މާރޗް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުކޮށްްފިއެވެ.
މިއަދު އެ އެއާރޕޯޓުން އާންމުކުރި ލިޔުމުގައި، އެއާރޕޯޓް އާންމުންނަށް ބަނދު ކޮށްފައިވަނީ ކިހައި މުއްދަތަކަށް ކަން ބަޔާންކޮށްފައެއް ނުވެއެވެ.
މި ފިޔަވަޅަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްކަމުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ އެއާރޕޯޓުން އެދިލައްވާފައިވެއެވެ.
ކޮވިޑް-19 އާއިގުޅިގެން ހަނިމާދޫ އެއާރޕޯޓު މެދުވެރިކޮށް މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއާއި އަދި ޓްރިވެންޑްރަމަށް ކުރަމުންއައި ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ.
ހަނިމާދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހުންނަނީ އެއާރޕޯޓް ސަރަހައްދުގައި ކަމަށްވާތީ ހަނިމާދޫގެ ގިނަ އާންމު ރައްޔިތުން ކޮންމެ ދުވަހަކު ވެސް އެއާރޕޯޓް ސަރަހައްދަށް ގޮސް އުޅެއެވެ.
