އެ ސިޓީތަކާއި ޒިޔާރަތްތަކުގެ ތެރެއިން، އަހަރެންގެ ހިތަށް ބަދަލެއް އަންނަން ފެށިއެވެ. އެއީ ދެން އަޅާނުލާ ދޫކޮށްލެވޭނެ ބަދަލެއް ނޫނެވެ. ސަބަބަކީ، އެއްބަސްވުމެއްގެ ގޮތުގައި ފެށުނު ކަންތައް، މިހާރު ހަޤީޤީ ކަމަކަށް ބަދަލުވާން ފެށީތީއެވެ. އެކަމާ އަހަރެން ބިރުގަތެވެ.
ޖަލުގައި ހުރި މީހަކުދެކެ ލޯބިވުމަކީ ހަމައެކަނި އޮޅުންބޮޅުން ބޮޑު ކަމެއް ނޫނެވެ. އެއީ ނުރައްކާތެރި ކަމެއްވެސްމެއެވެ. ޖިސްމާނީ ގޮތުންނެއް ނޫނެވެ. ނަމަވެސް އެ ކަމެއްގެ ތެރެއަށް މީހާ މުޅިން ގެނބި، ބަދަލުވެ، ނޭދޭ ފަދަ ބަލިކަށި ހާލަތަކަށް އިންސާނާ ވައްޓާލާ ފަދަ ނުރައްކަލެކެވެ.
އެހެންކަމުން، އަހަރެން އެ އިޙުސާސްތަކާ ދެކޮޅަށް މަސައްކަތްކުރީމެވެ. އަހަރެން މިކަމަށް އެއްބަސްވީ ކީއްވެގެންކަން އަމިއްލަ ނަފުސަށް ހަނދާންކޮށްދިނީމެވެ. މިއީ ވަގުތީ ކަމެއް ކަމަށް ބުނެ ވިސްނައިދިނީމެވެ. އޭނާގެ ހުކުމް ނިމުމުން، ނުވަތަ އަހަރެން މިކަމުން ދުރުވާން ނިންމާ ދުވަހަކުން، ހުރިހާ ކަމެއް އަލުން އާދައިގެ ހާލަތަށް ރުޖޫޢަވާނެކަމަށް ހީކުރީމެވެ. ނަމަވެސް ހަޤީޤަތަކީ، އެނބުރި ދާނެ “އާދައިގެ” ހާލަތެއް މިހާރު ނެތް ކަމެވެ. އޭނާ ދެނެގަނެވުނު ފަހުންނެވެ.
ކަންތައްތައް ބަދަލުވެގެން ދިޔައީ ނިދި ނައިސްގެން އުޅުނު އެއް ރެއަކުއެވެ. އަހަރެމެންގެ ކުޑަ އެޕާޓްމަންޓުގެ މޭޒު ދޮށުގައި އިށީނދެގެން އިނދެ، އަހަންނަށް އެއްކުރެވުނު ލިޔެކިޔުންތަކަށް ބަލަން ފެށީމެވެ. އެއީ އޭނާގެ މައްސަލައާ ގުޅޭ ލިޔުންތަކެވެ. ފުރަތަމަ އަހަރެން އެ ކަންކަމާ ދުރުގައި ހުރީ، އެއީ އެއްބަސްވުމުގެ ބައެއް ނޫންކަމަށް ދެކިގެންނެވެ. ނަމަވެސް ހިމޭންކަމުގެ ތެރޭގައި އުފެދޭ އޮޅުންބޮޅުންތައް ދަނީ އިތުރުވަމުންނެވެ. އަދި އެކަން އެގޮތަށް ފެށުމުން، ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫނެވެ.
އަހަރެން އަމިއްލަ ނަފުސާ ސުވާލުކުރަން ފެށީމެވެ. އޭނާގެ މައްޗަށް އެހާ އަވަހަށް ކުށް ސާބިތުވީ ކީއްވެ ހެއްޔެވެ؟ ހެކިތައް އެހާ ފުރިހަމައަށް އަތުރާލެވިފައި ހުރީ ކީއްވެ ހެއްޔެވެ؟ ވަގުތުތައް ދިމާނުވަނީ ކީއްވެ ހެއްޔެވެ؟
އަހަންނަށް ފެނުނު ކަންތައްތަކުން ހާސްކަން އިތުރުވިއެވެ. އެކި ދިމާދިމާލުން ދިމާނުވާ ކަންތައްތައް ހުއްޓެވެ. ސޮއިތައް ތަފާތެވެ. މުޢާމަލާތްތައް ހިންގާފައިވަނީ ވާނެ ކަމަށް ނުބެލެވޭ ވަގުތުތަކުގައެވެ. އަދި އެންމެ ބޮޑު ކަމަކީ، އޭނާއާ ދެކޮޅަށް ހެކިބަސް ދިން މައިގަނޑު ހެކިވެރިޔާ، މައްސަލަ ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރެކޯޑުތަކުން ގެއްލިފައިވުމެވެ. އެއިން އެއްވެސް ކަމެއް ރަނގަޅެއް ނޫނެވެ. އަދި އަހަންނަށް މިހާރު ދެން އެކަން ދޫކޮށްލެވޭކަށް ވެސް ނެތެވެ.
ޖެހިގެން އައި ފަހަރު އޭނާއާ ބައްދަލުކުރަން ގޮސް، އަހަރެން އޭނާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނީމެވެ. އޭނާ ވާހަކަދައްކާ ގޮތާއި، އަޑުއަހާ ގޮތެވެ. އޭނާގެ އަޚްލާޤެވެ. ބަލަން ހުރި ވަރަކަށް، އަހަރެންގެ ހިތުގައި އުފެދުނު ޔަގީންކަން ދިޔައީ ބޮޑުވަމުންނެވެ.
“އަހަރެން ޤަބޫލެއް ނުކުރަން ތިއީ ތި ކުށް ކުރި މީހާ ކަމަކަށް.” ކުއްލިއަކަށް އަހަރެންގެ އަނގައިން އެ ބަސްތައް ބޭރުވިއެވެ.
އޭނާ ހުއްޓުން އެރިއެވެ. ހަމައެކަނި ވަގުތުކޮޅަކަށެވެ. އެއަށްފަހު، ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ އަސަރަކާއެކު އޭނާ އަހަންނަށް ބަލައިލިއެވެ.
“ތިހެން ތިބުނީ ކީއްވެ؟” އޭނާ މަޑުމައިތިރިކަމާއެކު އެހިއެވެ.
“ސަބަބަކީ އެއްވެސް ކަމެއް ދިމާނުވާތީ.” އަހަރެން ޖަވާބު ދިނީމެވެ. “ހެކިތަކާއި، ހެކިވެރިންނާއި، ވަގުތުތައް.. އެއީ ހުސް ދޮގު.”
އޭނާ ވަރަށް ގިނައިރު ވަންދެން އަހަރެންގެ ދެލޮލަށް ބަލަހައްޓައިގެން އިނެވެ. ހީވަނީ އަހަރެންގެ ދެލޮލުގެ ތެރެއިން ކަމެއް ހޯދަން އުޅޭހެންނެވެ.
“އޭގެން ތަފާތެއް އަންނާނެތަ؟” އެންމެ ފަހުން އޭނާ އެހިއެވެ.
“އާނ.” ފަސްޖެހުމެއް ނެތި އަހަރެން ބުނީމެވެ.
“ކީއްވެ؟”
އެއީ ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ވަގުތެވެ. އަހަންނަށް ކޮންމެ އެއްޗެއް ވެސް ބުނެވުނީހެވެ. އެއީ ހަމައެކަނި އޮޅުންފިލުވަން ކުރާ ކަމެއް ކަމަށް ނުވަތަ އިންސާފަށްޓަކައި ކުރާ ކަމެއް ކަމަށް ބުނެވުނީހެވެ. ނަމަވެސް އޭގެ ބަދަލުގައި، ހަޤީޤަތް އޭގެ އެންމެ ސާދާ އަދި ނުރައްކާތެރި ސިފައިގައި ބޭރުވިއެވެ.
“ސަބަބަކީ އަހަރެން އޭނާއަށްޓަކައި ކަންބޮޑުވާތީ. އަހަރެން އޭނާދެކެ ލޯބިވާތީ.”
އެއަށްފަހު ވެރިވި ހިމޭންކަމަކީ ހުސް ހިމޭންކަމެއް ނޫނެވެ. އެއީ ވަރަށް ފުން، ބަރުދަން ހުރި، ހަޤީޤީ ހިމޭންކަމެކެވެ. އަދި ފުރަތަމަ ފަހަރަށް، އަހަރެމެންގެ ދެމެދުގައި އޮތް ހުސްކަމަކީ ހުރަހެއް ކަމަކަށް އިޙުސާސެއް ނުކުރެވުނެވެ. އެއީ ވަރަށް ނާޒުކު ކަމެކެވެ. ފަހަރުގައި އެއީ ބިނދިގެންދާނެ ކަމެއް ނުވަތަ އަހަރެމެން ދެމީހުން ހީކުރި ވަރަށް ވުރެ ވަރުގަދަ ގުޅުމަކަށް ވެގެންދާނެ ކަމެކެވެ.
އެ ދުވަހަށްފަހު، އަހަރެން ކަންތައްތައް ފޮރުވަން އުޅުން ހުއްޓާލީމެވެ. ހަމައެކަނި އޭނާގެ ކުރިމަތީގައެއް ނޫނެވެ. އަމިއްލަ ނަފުސުގެ ކުރިމަތީގައިވެސްމެއެވެ. އަހަރެން އޭނާގެ މައްސަލަ ފުންކޮށް ދިރާސާކުރަން ފެށީމެވެ. ޤާނޫނީ އޮފީސްތަކުގެ ބޭރުގައި ވަގުތުތައް ހޭދަކުރަން ފެށީމެވެ. އެތައް ބަޔަކު ބަލައިލުމެއް ނެތި ދޫކޮށްލާފައިވާ ފައިލްތައް ހިފައިގެން އުންމީދެއް ނެތް އިންތިޒާރުތައް ކުރީމެވެ.
“ތި މައްސަލަ އޮތީ ނިމިފައި.” އެމީހުން ބުނާނެއެވެ. “އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް.”
ނަމަވެސް އަހަރެން އެކަން ޤަބޫލެއް ނުކުރަމެވެ. ސަބަބަކީ މިހާރު މިއީ އެއްބަސްވުމަކާ ގުޅުންހުރި ކަމެއް ނޫނެވެ. މިއީ ފައިސާއާ ގުޅުންހުރި ކަމެއް ވެސް ނޫނެވެ. އަދި މިއީ ކަމެއް ސާބިތުކޮށްދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ވެސް ނޫނެވެ. މިއީ ހަމައެކަނި އޭނާއަށްޓަކައި ކުރާ ކަމެކެވެ. އަދި ހަޤީޤަތަށްޓަކައެވެ. އަހަރެންގެ ދިރިއުޅުން ސަލާމަތްކުރުމަށްޓަކައި ކައިވެނިކުރި މީހާދެކެ، އަހަންނަށް ލޯބިވެވިއްޖެކަން ޤަބޫލުކުރެވުނު ވަގުތެވެ.
އަހަރުތައް ފާއިތުވަމުން ދިޔައެވެ. ތިން އަހަރެވެ. ތިން އަހަރުގެ ސިޓީތަކެވެ. ޒިޔާރަތްތަކެވެ. އަދި ސުވާލު އުފައްދަން ބޭނުން ނުވާ ނިޒާމަކާ ދެކޮޅަށް ކުރި ހަނގުރާމައެވެ. އެންމެ ފަހުން، އެއް ދުވަހަކު، ހުރިހާ ކަމެއް ފަޅާއެރިއެވެ.
ހަޤީޤަތް ހާމަވިއެވެ. އަސްލު ކުށްވެރިޔަކީ އޭނާގެ ބޮޑުބޭބެގެ ދަރިއެކެވެ. އޭނާ ވަނީ ލިޔެކިޔުންތައް އޮޅުވާލައި، ހުރިހާ ކަމެއް ރިޔާޒްގެ ބޮލުގައި އަޅުވާފައެވެ. މައްސަލަ އަލުން ބެލުނެވެ. އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލް ކުރެވުނެވެ. އަދި ކުއްލިއަކަށް.. އޭނާ މިނިވަންވިއެވެ.
ނަމަވެސް، މިނިވަންކަމަކީ އަހަރެމެން ހީކުރާ ފަދަ އިޙުސާސެއް ނޫންކަން އަހަންނަށް ވަރަށް އަވަހަށް އެނގިގެން ދިޔައެވެ.
*****
ރިޔާޒް މާފުށީ ޖަލުން ނުކުތް ދުވަހު، ރަށުގެ މަތިން ފެންނަން އޮތް އުޑުމަތި އާދަޔާ ޚިލާފަށް ސާފެވެ. އެ ފުޅާ، މެދުކެނޑުމެއް ނެތް ނޫކުލައިގެ އުޑު ފެނުމުން، އެފަދަ ހިމޭން ނަމަވެސް ބަރުދަން ބޮޑު ވަގުތަކާ އަޅާބަލާއިރު އެއީ މާ ބޮޑު ރީތިކަމެއް ކަމަށް އިޙުސާސް ކުރެވުނެވެ. އަހަރެން ޖަލުގެ ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ހުރިއިރު، އިނގިލިތައް ވަނީ ބާރަށް ލެނބިފައެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހު މި ވަގުތު އަންނާނެ ގޮތް ހިތަށް އެތައް ފަހަރަކު އަރުވައި، ތަސައްވަރު ކުރެވުނު ނަމަވެސް، އޭގެ އެއްވެސް ތަސައްވަރަކުން މިއަދުގެ މި ހަޤީޤަތާ ކުރިމަތިލާނެ ހިތްވަރެއް ނުލިބުނެވެ.
ސަބަބަކީ، މިނިވަންކަމަކީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. އެއީ ހަމައެކަނި ހިތްހަމަޖެހުމެއްވެސް ނޫނެވެ. އަދި އެއީ ހަމައެކަނި އަމާންކަމެއްވެސް ނޫނެވެ.
ޖަލުގެ ގޮޅިތަކުގައި އެތައް އަހަރެއް ހޭދަކުރުމަށްފަހު، އޭނާއާ ނުގުޅޭ ފަދަ އާދައިގެ ހެދުމެއްގައި ބޭރަށް ނުކުމެ، އޭނާ މަޑުޖެހިލިއެވެ. އެއީ ހަމައެކަނި ސިކުންތަކަށްވުރެ ގިނަ ވަގުތެވެ. އޭނާގެ އެތެރެހަށީގައި ކުރިއަށް ފިޔަވަޅެއް އެޅުމަށް ހަނގުރާމައެއް ކުރަމުންދާ ފަދައެވެ. އެ ދޮރާށީގެ ބޭރުގައިވާ ދުނިޔެ، އޭނާ ދޫކޮށްލި ދުނިޔެއަށްވުރެ މާ ބޮޑުވެފައި، އޮޅުންބޮޅުން ބޮޑުހެން ހީވާ ކަހަލައެވެ.
އަހަރެމެންގެ ދެލޯ ބައްދަލުވިއެވެ. އެ ވަގުތު ކުޑަ ހިނދުކޮޅަކަށް ދުނިޔޭގެ ހުރިހާ ކަމެއް ހުއްޓުނު ފަދައެވެ. އަހަރެން އުންމީދު ކުރީ އޭނާ ހިނިތުންވެލާނެ ކަމަށެވެ. އަހަރެންނާ ދިމާލަށް ހިނގައިގަންނާނެ ކަމަށެވެ. އަހަރެމެންގެ ދެމެދުގައި މިހާ ދުވަސްވަންދެން އޮތް ދުރުމިން ނައްތާލާނެ ކަމަށެވެ. ނަމަވެސް އޭނާ އެހެންނެއް ނުހެދިއެވެ. އޭގެ ބަދަލުގައި، އޭނާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ އަހަރެންނަށް ދެނެގަންނަން އުނދަގޫ ގޮތަކަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޝުކުރުވެރިކަމާއި، އޭގެ އިތުރުން މާ ބޮޑު އޮޅުންބޮޅުންތަކެއްގެ އަސަރެވެ.
ދެން، އޭނާ ވަރަށް ލަސްލަހުން އަހަރެންނާ ދިމާލަށް ހިނގައިގަތެވެ. އަވަސްއަރުވާލުމެއް ނެތެވެ. ފަސްޖެހުމެއްވެސް ނެތެވެ. އެހެނަސް، ކޮންމެ ފިޔަވަޅެއް އެޅީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އޭނާ އަހަރެންގެ ގާތަށް އައިސް، ވަރަށް އާދައިގެ ކަމެއް ކުރިއެވެ. ނަމަވެސް އެއީ އޭނާއަށް ބުނެވޭނެ ކޮންމެ ބަހަކަށްވުރެ ބަރުދަން ބޮޑު ކަމެކެވެ. އޭނާ އަހަރެންގެ އަތުގައި ހިފާލިއެވެ. އޭނާގެ އިނގިލިތަކުން އަހަރެންގެ އިނގިލިތަކުގައި ބާރަށް ހިފާލިއިރު، އެ އަތުގެ ހޫނުކަމާއި ސާބިތުކަން އިޙުސާސް ކުރެވުނެވެ.
“އަހަރެންނާއެކު ގެއަށް ހިނގާ.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. އަދި ހަމަ އެ ވަގުތު އަހަރެން އޭނާގެ ފަހަތުން ހިނގައިގަތީމެވެ.
(ނުނިމޭ)
