ތަންތަނުގައި ހުންނަ ނުރަނގަޅު ނުވަތަ ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ ދިވެހިން ވަރަށް ކުރާހިތުން ކުރާކަމެކެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ ކަންކަމަށް ފާޑުކިޔުމުގައި ދިވެހިންވަރެއް ނޯންނާނެއެވެ. ކިރިޔާވެސް ގޯސްކަމެއް އޮތްތޯބަލައި އެކަމެއް މުޅި މީސްމީޑިޔާގައި ހިއްސާކުރާނެއެވެ.
ތަންތަނުގައި ހުންނަ ނުރަނގަޅު ކަންކަން ފެންނަ ފަދައިން ރަނގަޅު ކަންކަން ވެސް ފެނި އެކަން ފާހަގަކޮށް އެ ވާހަކަތައް ވެސް ދައްކަން ޖެހެއެވެ. އެއީ އެ މަސައްކަތް ކުރަން ތިއްބަވާ ބޭފުޅުނަށް ލިބިގެންދާނެ ހިތްވަރެއްކަމުގައި ދެކެމެވެ. މީގެއިތުރުން އެއީވެސް ތަނެއް ތަރައްޤީވެގެން ދިޔުމަށް މުހިންމުކަމަކެވެ.
ޚިދުމަތްދޭ ތަންތަނުގައި އެތަނަކުން ޚިދުމަތް ހޯދުމަށް ދާ މީހުންނަށް ޚާއްޞަކޮށް ފާޚާނާ ހަދާފައިހުރެއެވެ. އަންހެނުންނަށް ވަކި ފާޚާނާއެއް އަދި ފިރިހެނުންނަށް ވަކި ފާޚާނާއެކެވެ.

ހަނިމާދޫ އެއާޕޯޓްގައި ހަދާފައިވާ ފާޚާނާބަރި – ފޮޓޯ: މުނިއަވަސް / އިބްރާހީމް
މި ފޮޓޯތަކުން މި ފެންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގެ މިސްކިތުގައި ކަނބަލުންނަށް ޚާއްސަކޮށް ހެދިފައިވާ ފާޚާނާއެވެ. ގިނަ ތަންތަނުގައި ކަނބަލުންނަށް ހެދިފައި ހުންނަ ފާޚާނާތަކާއި ޚިލާފަށް މިތަނަކީ ފުރިހަމަ ތަނެކޭ ބުނެވިދާނެއެވެ.

ހަނިމާދޫ އެއާޕޯޓްގައި ހަދާފައިވާ ފާޚާނާބަރި – ފޮޓޯ: މުނިއަވަސް / އިބްރާހީމް
މޫނުބުރުގާ އެޅި ކަނބަލުންނާއި އަދި މިނޫނަސް ކަނބަލުންނަށް އެތަނުގެ އެތެރެއަށްވަދެ ތަޅުލައިގެން ފާޚާނާ ކުރެވޭނޭ އިންތިޒާމުގެ އިތުރުން ގެންގުޅޭ އަތްދަބަސް ފަދަ ތަކެތި ފަސޭހަކަމާއިއެކު ބެހެއްޓޭނެ އިންތިޒާމު ވެސް އެތަނުގެ ތެރޭގައި ހުރެއެވެ.

ހަނިމާދޫ އެއާޕޯޓްގައި ހަދާފައިވާ ފާޚާނާބަރި – ފޮޓޯ: މުނިއަވަސް / އިބްރާހީމް
މީގެއިތުރުން އެއްވެސް މީހަކަށް ނުފެންނާނޭހެން ކަނބަލުންގެ ބުރުގާ ނަގައި ވުޟޫކުރެވޭނޭ އިންތިޒާމާއި އަދި ބުރުގާ އަލުން އެޅުއްވުމަށް ފަސޭހަކޮށްދިނުމަށްޓަކައި ބޮޑު ލޯގަނޑެއް ބެހެއްޓިފައި ހުރެއެވެ. ގުދަށް އޮވެ ވުޟޫކުރަން ދަތިވާ ކަނބަލުންނަށް އިށީންދެ އިނދެ ވުޟޫކުރެވޭނޭ ގޮތްވެސް އެތަނުގައި ހުރެއެވެ.

ހަނިމާދޫ އެއާޕޯޓްގައި ހަދާފައިވާ ފާޚާނާބަރި – ފޮޓޯ: މުނިއަވަސް / އިބްރާހީމް
ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ހޯދުމަށް ދާ މީހުންނަށް ހެދިފައި ހުންނަ ފާޚާނާތަކުގައި ކަނބަލުންނަށް ފަސޭހަވާނޭހެން މިފަދަ ގޮތަކަށް ފާޚާނާތަށް ފަރުމާކޮށްފައި ހުންނަތަން މި އިސްލާމީ ޤައުމުން ވަރަށް ނުފެނެއެވެ. އިސްލާމީ ޤައުމަކަށްވެފައި މި ޤައުމުގެ ބޮޑު އިންސައްތައަކީ ބުރުގާ އަޅުއްވާ ކަނބަލުންނަށް ވީއިރު މިފަދަ ތަންތަން ފަރުމާކުރުމުގައި އެކަނބަލުންނަށް ފަސޭހަވާނޭހެން ފަރުމާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަނިމާދޫ އެއާޕޯޓްގައި ހަދާފައިވާ ފާޚާނާބަރި – ފޮޓޯ: މުނިއަވަސް / އިބްރާހީމް
