ޑެލިވަރީގެ ޚިދުމަތް ދޭން ކުރިން ދޫކޮށްފައިވާ ހުރިހާ ހުއްދަތަކެއް ބާތިލްކޮށް، އަލުން ހުއްދަ އަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި ވާއިރު، އެކަމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ފުލުހުން ހާމަކޮށްފިއެވެ.
ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ހުއްދަ އަށް އެދި އަލުން ހުށަހަޅާއިރު، އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް މީސްމީޑިއާގައި ފުލުހުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
- ވިޔަފާރީގެ ނަން
- އިކޮނަމިކް މިނިސްޓްރީން ދީފައިވާ ނަންބަރު
- ފިހާރައިގެ ނަން
- ފިހާރައިގައި ވިއްކާ މުދަލުގެ ބާވަތް
- ފިހާރައިގައި ބޭނުންކުރާ ހުރިހާ ވެހިކަލްތައް (އިސްކަން ދޭ ތަރުތީބުން)
- ފިހާރައިގެ އެތެރޭގައި މަސައްކަތްކުރާ މުވައްޒަފުން (އިސްކަން ދޭ ތަރުތީބުން)
- ޑެލިވަރީގެ ޚިދުމަތުގައި ބޭރުގައި އުޅޭ މުވައްޒަފުން (އިސްކަން ދޭ ތަރުތީބުން)
ކުރިއާއި ޚިލާފަށް ކޮންމެ ފިހާރައަކުން ވެސް ވެހިކަލް އަށް ބޭނުންވާ ހުއްދަ އާއި، ފިހާރައިގެ އެތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުއްދަ އާއި، ޑެލިވަރީގެ ޚިދުމަތުގައި ބޭރުގައި އުޅޭ މުވައްޒަފުންގެ ހުއްދަ އަށް އެއް “ރިކުއެސްޓް” އަކުން އެދެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މަޢުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބާތިލް ކުރެވޭނެ ކަމަށާއި، ހުއްދަ ދޫކުރެވޭނީ މަޢުލޫމާތު ފުރިހަމަކުރުމަށް ފަހު، އަލުން ހުށަހެޅުމުން ކަމުގައެވެ.
