އާބާދީގައި ގާތްގަނޑަކަށް 116,000 މީހުން އުޅޭ ޕެސިފިކް ކަނޑުގެ މެދުތެރޭ އޮންނަ ގައުމެއް ކަމަށްވާ ކިރިބާސް ނުވަތަ ކިރިބަތީ އަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ހަމަ އެހެންމެ އެ ގައުމަކީ ދުނިޔެއިން ކޮވިޑް-19 އެއްވެސް ވަރަކަށް ނުފެންނަ 13 ގައުމުގެ ތެރެއިިން އެއް ގައުމެވެ.
ކިރިބާސް އަކީ ޖަޒީރާ ރަށްތެކެއްގެ މައްޗަށް އެކުލެވޭ ގައުމެކެވެ. ކުރިން އިނގެރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު، 1979 ވަނަ އަހަރުގައި މިނިވަންކަން ލިބުނު މި ގައުމުގެ މީހުންނަކީ ނަޞާރާ ދީނަށް ތަބާވާ ބައެކެވެ. ބިމުގެ ބޮޑުމިނުގައި 800 އަކަ ކިލޯމީޓަރު ހުންނަ މި ޖަޒީރާ ގައުމުގައި ރުކަކީ ވަރަށް ގިނަ ގަހެކެވެ. އެ ގައުމުގެ މީހުން ބޯޓުފަހަރު ބަނުމަށާއި، ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ލަކުޑި ހޯދަނީ މި ރުއްތަކުންނެވެ. އަދި، އެނޫންވެސް ވަރަށް ގިނަ ބޭނުންތައް ރުކުގެ ސަބަބުން އެމީހުންނަށް ފުދެއެވެ.
ކާށި ނުވަތަ އެމީހުންގެ ބަހުން ނަމަ، “މޮއިމޮޓޯ” އަކީ އެގައުމުގައި ކޮރޯނާ ވައިރަސް ނެތުމުގެ އެންމެ ބޮޑު ސަބަބު ކަމުގައި އެގައުމުގެ މީހުން ގަބޫލުކުރެއެވެ.
“އަހަރެމެން ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ބޭނުންކުރަނީ ކާށި. އެއީ ވަރަށް ގިނަ މިންވަރަކަށް “ވިޓަމިން އޭ” އަދި “ވިޓަމިން ސީ” އެކުލެވޭ އެއްޗެއް. އަހަރެމެންގެ ކާބަފައިން ހެނދުނުގެ ނާސްތާ އަކަށް ކައި އުޅުނީ އަހިވަކާއި، ކާށީގެ ހުނި. އަދި ބުއިމަކަށް ބޭނުން ކުރީ ރުކުރާ. އެއްވެސް ބައްޔެއް ނުވެ ވަރަށް ވަރުގަދަކޮށް އެމީހުން ތިބީ. އެހެންކަމުން އަހަރެމެންގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ބޭހެއްގެ ގޮތުގައި އަހަރެމެން ބޭނުން މިކުރަނީ ކާށި.”
ކިރިބާސް ގެ ޕްރައިމަރީ ސުކޫލް ޓީޗަރެއް ކަމަށްވާ ރޫޓީ ޓިއަނައިރާ ބުންޏެވެ.
ނަމަވެސް އެގައުމުގެ ނޫސްވެރިއެއް ކަމަށްވާ ރިމޮން ބުނިގޮތުގައި، އެއީ ކާށި ވިއްކާ މީހުން އެމީހުންގެ ވިޔަފާރި ރަނގަޅު ކުރުމަށް ޓަކައި، ފަތުރާ ވާހަކަތަކެކެވެ. އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ކިރިބާސް އަށް އިންޓަނެޓުގެ ޚިދުމަތް ލިބެން ފެށީ ދާދި ފަހުން ކަމަށާއި، މީސްމީޑިއާ އަލަށް ބޭނުން ކުރަން ފަށައިގެން އުޅޭއިރު، އެ ގައުމުގެ މީހުންނަށް ތެދު ޚަބަރާއި، ދޮގު ޚަބަރު ވަކިކުރަން ނޭނގެއެވެ. އަދި، މިގޮތަށް ތެދުދޮގު ނުބަލާ ޚަބަރުތައް ފެތުރުމަކީ އެގައުމުގެ މީހުންގެ އެންމެ ބޮޑު މައްސަލަ ކަމުގައި އޭނާ ބުނެފައިވެއެވެ.
“ކޮރޯނާ ވައިރަހަށް ކާށިން ފަރުވާ ލިބޭ ވާހަކަ އަކީ ދޮގެއް. އަދި ކަމާއިބެހޭ ފަރާތްތަކުން އެއީ ރަނގަޅު މަޢުލޫމާތެއް ނޫންކަން ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް ބޮޑު ކެމްޕޭނެއް ވެސް ފަށަން ޖެހުނު.”
ރިމޮން ބުނެފައިވެއެވެ.
ދުނިޔޭގައި ކިރިބާސް އަށް ދަތުރުކުރެވޭ ހަމައެކަނި ދެ ގައުމަކީ ނައުރޫ އާއި ފިޖީ އެވެ. އާބާދީގައި 13000 މީހުން ދިރިއުޅޭ ނައުރޫ އަކީ ވެސް ކޮވިޑް-19 ފެނިފައިނުވާ ގައުމެކެވެ. ނަމަވެސް، ފިޖީން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފައިވާ 18 މީހުން ފެނިފައިވެއެވެ. ފިޖީ އަކީ އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ރޮނގުން އެންމެ މަގުބޫލު ގައުމު ކަން ފާހަގަކޮށްލެވެއެވެ.
