26 މެއި 2020 ވާ އަންގާރަ ދުވަހުން ފެށިގެން ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުތުމަށް އެ އޮފީހުން އަންގައިފިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގެ މެނޭޖަރ އަލީ ވަހީދު މިއަދު އެ އެއާރޕޯޓުގެ ވައިބަރ ގުރޫޕުގައި ކޮށްފައިވާ މެސެޖުގައި ވަނީ ” ކޮންމެ ހޮނިހިރު ދުވަހަކާއި އަންގާރަ ދުވަހަކު އާންމު މަސައްކަތްތައް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އޮފީހަށް ނުކުތުމަށް ބޭނުންވާ މުވައްޒަފުން މާދަމާއިން ފެށިގެން މަސައްކަތަށް ނުކުތުމަށް އަންގާކަމަށެވެ. އަދި މަސައްކަތު ގަޑިއަކީ ކޮންމެ ދުވަހަކު ވެސް ހެނދުނު 0800 އިން މެނދުރު 1200 އަށެވެ.”
ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ސްކޫލުތަކާއި ކޮލެޖްތަކުގެ އިތުރުން ސަރުކާރު އޮފީސްތަކާއި ކެފޭތައް މޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ސަރުކާރުން ނިންމާފައި ވުމުން ހަނިމާދޫ އެއާރޕޯޓުގެ މުވައްޒަފުން ވެސް އޮފީހަށް ނުނުކުންނަތާ މަހަކަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ.
ހަނިމާދޫ އެއާރޕޯޓު ސަރަހައްދަކީ ބޮޑު އަދި ގަސްގިނަ ސަރަހައްދަކަށް ވުމުން މިހާ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަހައްދުވަނީ ފަތްއެޅި ވަރަށް ބޮޑަށް ހަޑިވެފައެވެ. މިތަންތަނުގެ ބައެއް ފޮޓޯތައް ވެސް މިވަގުތު ދަނީ ޝޯސަލް މީޑިއާގައި ދަޢުރުވަމުންނެވެ.
ފުރަބަންދުގެ މިހާލަތާއި ގުޅިގެން ވެސް ސަރުކާރުގެ މުހިންމު ބޭނުންތަކުގައި ހަނިމާދޫ އެއާރޕޯޓަށް ކޮންމެ ހަފަތާއަކު ވެސް މަދުމަދުން ފުލައިޓް ޖައްސާކަން ފާހަގަކުރެވެއެވެ. އަދި ފުލައިޓް އޮޕަރޭޓް ކުރާވަގުތު ތަކުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ވެސް ވަޒީފާއަށް ނެރެމުން ގެންދެއެވެ.
