އެއް އެކްޓަރަކު އަނެއް އެކްޓަރަކަށް، އެއް ޕްރޮޑިއުސަރަކު އަނެއް ޕްރޮޑިއުސަރަކަށް، އެއް ޑައިރެކްޓަރަކު އަނެއް ޑައިރެކްޓަރަކަށް ބަހުން ޖެހުމަކީ ފިލްމީ ސިނާޢާތުގައި އަބަދުވެސް ހިނގަމުން އަންނަ ކަމެކެވެ. މިއުޒިކީ ސިނާޢަތުގައިވެސް އަދި އެހެން ދާއިރާތަކުގައިވެސް ކަން ހިނގަނީ މިހެންނެވެ. ނަމަވެސް މިއީ ހިނގައިގެންވާނެ ކަމެއް ނޫނެނެވެ. ވަކިން ޚާއްޞަކޮށް ފަންނުވެރީންގެ މަސައްކަތްތަކަށް އެންމެ ބޮޑަށް އިޙްތިރާމުކުރާން ޖެހޭނެ ބަޔަކީވެސް ޚުދު ފަންނުވެރީންނެވެ.
ދައްކަން މިއުޅެނީ މި ފަހުން ދިވެހި ފަންނުވެރިކަމުގެ ދާއިރާއަށް ބިންދައިލި ރާޅެއްގެ ވާހަކައެވެ. މި ދައްކަނީ ރާއްޖޭގައި މިހައިތަނަށް އުފެދުނު އެންމެ މަޤްބޫލު އެއް ލަވަކިޔުންތެރިޔާ ޢަލީ ރަމީޒަށް، ވަރަށް ޖޫނިއާ ފަންނާނެއް ކަމަށްވާ ހަސަން އިރުފާން (ޒަކިއްޓެ) ފާޑުކިޔުމުން ދެން ކުރިމަތިވި ކަންތަތަކުގެ ވާހަކައެވެ.
ދާދި ފަހުން ޒަކިއްޓެ، މީސް ޑިއާގައި ފާޅުކުރި ޚިޔާލާ ގުޅިގެން އޭނާ ބޮޑުތަނުން ހޫނު ފެނަށް ވެއްޓުނެވެ. އޭނާއަށް އެކިއެކި އިންޒާރުތައްވެސް ލިބުނެވެ. އެންމެ ފަހުން ޒަކިއްޓެެ ޖެހި ސްޓޭޓަސްއާމެދު މަޢާފަށްވެސް އެދުނެވެ.
”މީ ހުރިހާ ފަންނާނުން ވެސް ޢިބްރަތެއް ކަމުގަ ބެލުން ރަނގަޅު.“ ޒަކިއްޓެއަށް ކުރިމަތިވި މި ކަންތައްގަނޑަށް އިޝާރާތްކޮށް ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާތުމަތު ނަހުލާ (ނަހޫ) ބުންޏެވެ.
”މީ ހުރިހާ ފަންނާނުން ވެސް ޢިބްރަތެއް ކަމުގަ ބެލުން ރަނގަޅު. އެކަކު އަނެކަކަށް ފާޑުކިޔާ އަނެއް މީހާ އަށްވުރެ މަތިވެރިކަން ސާބިތުކުރަން އުޅެގެން ކުރިއެރުމެއް ނުލިބޭނެ.“ ނަހޫގެ ފޭސްބްކް ގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.
”ފަންނީ ކޮންމެ މީހަކީވެސް އެމީހާގެ އަމިއްލަ ހުނަރާއެކު މޮޅު މީހެއް. އަނެއް މީހާގެ ކަރަށް ފައިން އަރައިގެން ތިމާއަށް ހިންދެމިލެވިދާނެހެން ހީވާ މީހަކަށް ދާއިމީ ކުރިއެރުމެއް ދުވަހަކުވެސް ނުލިބޭނޭ. ހަސަދަވެރިކަމާ ނަފުރަތު އޮންނަ މީހަކީ އެމީހެއްގެ އަމިއްލަ ނަފުސަށް އިތުބާރު ނެތް، ވަރަށް ނުފުދޭ، ފެންވަރު ނެތް މީހެއް. މިއީ އަބަދުވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތް.“ ނަހޫގެ ޕޯސްޓްގައި މުހިންމު ނުކުތާތަކެއް ފާހަގަކުރަމުން ހާމަކުރިއެވެ.
”އަޅުގަނޑަކީ ވަރަށް ގިނަދުވަސް ވަންދެން ވަރަށް ގިނަ ފަންނާނުންނާ އެކީ ވޯރކް ކުރަމުން އަންނަ މީހެއް. ތެދަށް ބުނަންޏާ ހުރިހާ ގޮތަކުން ބެލިޔަސް ޢަލީ ރަމީޒު ވަރުގެ މީހަކު މި ރާއްޖެއަކު ނުއުފެދޭ. އަދި ހުރިހައި ރޮނގެއް އެއްކޮށްލާފަ ބެއްޔަސް ޢަލީ ރަމީޒު ހޯދިވަރުގެ މަޤުބޫލުކަމެއް އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހޯދި ދިވެއްސަކު ނެތް. އޭރު އަޅުގަނޑުމެން ގިނައިން ކިޔުއްވީ ކޮޕީ ރާގު ވީމަ ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން އެ ރާގުތައް ކިއީ. މިހާރު ލަވަކިޔާނަމަ (ޢަލީ ރަމީޒު ލަވަކިޔާނަމަ) އަމިއްލަ ރާގުވެސް ދެވަނައެއް ނެތް ފެންވަރަށް ކިޔާލާނެކަން ޔަޤީން.“ ޢަލީ ރަމީޒާއި މެދު ޒަކިއްޓެ ކުރި ކޮމެންޓަށް އިޝާރާތްކުރާ މޭރުމަކުން ނަހޫ ބުންޏެވެ.
”ލަވަ ފެޅިޔަސް، މުގުރިޔަސް އެވަރެއް ނެތް. އަމިއްލަ ރާގު ކިޔަން ދިމާކުރިޔަސް ހަމަ އެވަރެއް ނެތް. ޑިސިޕްލިން އަށް ބެލިޔަސް ހަމަ މިސާލެއް.“ ނަހޫގެ ޕޯސްޓް ނިންމާލަމުން ފާހަގަކުރީ ވަރަށްވެސް ބޮޑު ތެދެކެވެ. ލަވަ ފެޅިޔަސް، މުގުރިޔަސް ޢަލީ ރަމީޒު ޖަހައިލެނޭވެ ފަންނާނެއް އަދި މި ރާއްޖޭގައި އުފެދިފައެއް ނެތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




