ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހުއްދަ ހޯދަން އައްޑޫ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން އެދުމުން އެ ހުއްދަ ނުދޭން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އެއިމްސްގެ އިތުރުން ހެޕީ މާކެޓްގެ ވެސް މެނޭޖިންގ ޑިރެކްޓަރު އަލީ އިހުސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހުއްދަ އަށް އެދުމުން އަނގަބަހުން އެ ހުއްދަ ދެވެން ނެތްކަން އަންގާފައިވާ ކަމަށެވެ. އެހެންކަމުން، އެ ކުލިނިކުން އެކަމަށް ފެށި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
https://twitter.com/ali_ihusaan/status/1268505804497252353?s=19
މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެއިމްސް ކުލިނިކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް އެކަމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންދ ކަމަށް އިހުސާން ކުރެއްވި ޓުވީޓުގައި ފާހަގަކޮށްފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއިމްސް އިން އެދިފައި ވަނީ އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދައަކަށެވެ. އެ ހުއްދަ ދީފައި ނުވަނީ އައްޑޫ އަކީ ކޮރޯނާ ވައިރަސް އެއްވެސް ވަރަށް ފެތުރިފައި ނުވާ ސަރަހައްދަކަށް ވުމުން އެންޓިބޮޑީ ޓެސްޓް ހެދުމުގެ މާބޮޑު ބޭނުމެއް ނެތުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
