މޫސުން ގޯސްވުމުގެ ސަބަބުން ލާމު އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވަނީ މިރޭގެ 19:00 އިން 22:00 އަށް ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މިގޮތުން މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި އަދި ކަނޑުތައް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވެގެން ދާނެތީ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ ސަމާލުގައިވެއެވެ.
މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް އަދި ކަނޑުތައް ގަދަ ދުވަސްވަރަކަށްވެފައި، ކަނޑުމަތީގެ އެކިއެކި ހާދިސާތައް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ އެމްއެންޑީއެފް އިންވެސް ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
