ސަލްމާން ޚާން ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް ފިލްމު “މެއިނޭ ޕިޔާރް ކިޔާ” އަކީ އަދިވެސް އެންމެ މަޝްހޫރު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ފަހުން ސަލްމާން ވަނީ ސުޝްމީތާ ސެން އާއެކު “މެއިނޭ ޕިޔާރް ކިޔޫން ކިޔާ” ގެ ނަމުގައި ފިލްމެއް އުފައްދާފައެވެ.
ދާދި ފަހުން ސުޝްމީތާ ދިން އިންޓަވިއުއެއްގައި ވަނީ މި ފިލްމު އުފެއްދި ސަބަބު ހާމަކޮށްފައެވެ. އެ އިންޓަވިއުގައި ސުޝްމީތާ ބުނެފައިވާ ގޮތުން އޭނާއަކީ ސަލްމާންގެ ވަރަށް ބޮޑު ފޭންއެކެވެ. އަދި އެ ދެމީހުން އެކީ ކުޅުނު ފިލްމު “ބީވީ ނަމްބަރު 1” ކުޅުމާ ހަމައަށް އޭނައާއާ ސަލްމާންއާ ބައްދަލުވެފައެއް ނުވެއެވެ. ސަލްމާންގެ ފިލްމު “މެއިނޭ ޕިޔާރް ކިޔާ”ގެ ޕޯސްޓަރުތައް ގަތުމަށް އޭނަގެ ޕޮކެޓް މަނީ އެއްކޮށް ޚަރަދުކޮށްލި ކަމަށްވެސް ސުޝްމީތާ ބުނެފައިވެއެވެ.
“ބީވީ ނަމްބަރު 1” ހުށަހެޅުމުން އެންމެފަހުން އޭނައަށް ސަލްމާންއާ ބައްދަލުވެވުނެވެ. ސަލްމާންއާއެކު އެކްޓްކުރަން ޖެހުމުން ކުޑަކޮށް ހައިރާންވި ކަމަށް ސުޝްމީތާ ބުނެފައިވެއެވެ.
“އަހަރެން ސަލްމާންއަށް ކިޔައިދިނިން އޭނައާ ގަޔާވި ވާހަކައާ މެއިނޭ ޕިޔާރް ކިޔާގެ ޕޯސްޓަރު ގަތް ވާހަކަ. އެވާހަކަ އަހާފަ ސަލްމާން ބުނި މެއިނޭ ޕިޔާރް ކިޔާ އެހާ ކަމުދަންޏާ އަހަރެން ކަލެއާއެކު މެއިނޭ ޕިޔާރް ކިޔޫން ކިޔާ ހަދާނަމޭ. އަދި އެ ފިލްމު ހެދި.”
ސުޝްމީތާ ބުނެފައިވެއެވެ.
ޑޭވިޑް ދާވަން 2005 ގައި ގެނެސްދިން “މެއިނޭ ޕިޔާރް ކިޔޫން ކިޔާ” ގައި ސަލްމާންއާއި ސުޝްމީތާގެ އިތުރުން ކެޓްރީނާ ކެއިފް، ސުހައިލް ޚާން އަދި އަރްޝަދު ވަރްސީ މުހިންމު ރޯލުތަކެއް ކުޅުނެވެ. ސެމީ ހިޓެއްގެ ދަރަޖަ ދީފައިވާ މި ފިލްމަކީ އެ އަހަރު ބޮލީވުޑް ބޮކްސް އޮފީހުގައި 6 ވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމެވެ.
