ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް، ސަލްމާން ޚާން އަދި ނަޔަންތާރާގެ ކުރިއަށް އޮތް ފިލްމުގެ ކާސްޓާ ގުޅިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވަމްޝީ ޕައިޑިޕަލީ ޑައިރެކްޓްކުރާ މި އެކްޝަން ފިލްމުގެ މަސައްކަތް ޖެކީ ޝްރޮފް މިއަދު މުމްބާއީގައި ފަށާފައިވާ ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓުކުރެއެވެ. މި ފިލްމުގައި ޖެކީ ކުޅޭނީ ވަރަށް ވަރުގަދަ އަދި މުހިންމު ރޯލެއް ކަމަށް މަސްދަރުތަކުން މަޢުލޫމާތުދެއެވެ.
ފިލްމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދެއްކި މަސްދަރަކުން ބުނި ގޮތުގައި، ޖެކީ ޝްރޮފަކީ މި ފިލްމުގެ މައި ވިލަންއެއް ނޫނެވެ. ނަމަވެސް އޭނާގެ ކެރެކްޓަރަކީ ފިލްމުގެ ވާހަކަ ކުރިއަށްދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކެރެކްޓަރެކެވެ. މި ފިލްމުގައި ނެގަޓިވް ރޯލުތަކުން ފެނިގެންދާނީ ރާހުލް ދޭވް، އަބީމަންޔޫ ސިންގް އަދި އަރަވިންދު ސުވާމީއެވެ.
ފިލްމުގެ ޝޫޓިން ކުރިއަށްދާ ގޮތަށް ބަލާއިރު، އިންޑިއާގައި ކުރިއަށްދާ ތާވަލު މި އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. އޭގެ ފަހުން ފިލްމުގެ ޓީމުން ޔޫރަޕަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިލް ރާޖޫ އާއި ޝިރިޝް ޕްރޮޑިއުސްކުރާ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ އީދު ބަންދަށެވެ.
