ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ބައިނަލްއަޤުވާމީ ޙައްޖު ކެންސަލް ކޮށްފިއެވެ. މިކަން އިޢުލާނުކޮށް ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑު އުމްރާ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޙައްޖަށް ދެވޭނީ ހަމައެކަނި ސައުދީގައި ތިބި މީހުންނަށް އެކަނިކަމަށެވެ. އެގޮތުން ސައުދީގައި ދިރިއުޅޭ ތަފާތު ޤައުމުތަކުގެ މީހުންނަށްކަމަށެވެ.
ހަލުވިކަމާއެކު ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ޙައްޖަށް ދިޔުމަށް ޤައުމުތަކުން ވަމުންދިޔަ ތައްޔާރީތައް މަޑުޖައްސާލުމަށް މީގެ ކުރިން ސައުދީން ވަނީ ޤައުމުތަކަށް އަންގާފައެވެ.
ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް އެތައް މިލިއަން މުސްލިމުންނެއް ސައުދީ އަރަބިއްޔާއަށް ދާއިރު މިފަދަ އެއްވުންތަކުގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރުމުގެ ފުރުސަތު އޮންނާނެތީ، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް މަދު މީސްކޮޅެއް ބައިވެރިކޮށްގެންނެވެ.
