ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މަޢުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި ކޮވިޑް-19 ގެ މި ހާލަތަށް އިޝާރާތްކުރައްވަމުންނެވެ. މަޢުމޫން ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވީ މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް ކަމަށާއި ދުނިޔޭގެ އެހެން އިސްލާމީ ޤައުމު ތަކުގައިވެސް މިދުވަސް ކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުމުގެ މަތިން ކަމަށެވެ.
ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެ. މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް. ދުނިޔޭގެ އެހެން އިސްލާމީ
— Maumoon Abdul Gayoom (@maumoonagayoom) July 11, 2020
މަޢުމޫން ކުރެއްވި ޓްވީޓަށް ގިނަ ބަޔަކު ތާއިދުކޮށްފައިވާއިރު، ޑޮކްޓަރ މުޙައްމަދު އިޔާޒް ވަނީ އެ ޓްވީޓަށް ރައްދުދެއްވާފައެވެ.
“އެންމެ ރަނގަޅު ގޮތް ދޫކޮށްލާފައި ބަލިކަށި ގޮތެއްގައި ހިފަން ޖެހޭ އެއްވެސް ސަބަބެއް ނެތް. 1000 ރުފިޔާ ލިބެން އޮތް ތަނަކަށް 500 ރުފިޔާ ހޯދަން އެއްވެސް މީހަކު ބޭނުމެއް ނުވާނެ. މިސްކިތުގެ ވާހަކަ އެންމެ ރަނގަޅަށް ދައްކަން އެނގޭނީ އެތަނުގެ އަހުލުވެރިންނަށް.” އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ. އިޔާޒްގެ މި ރައްދަށް ވެސް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
Enme ragalhu goiy dhoo kohlaafai balikashi gotheh gai hifan jehey evves sababeh neiy. 1000 rufiya liben oiy thanakah 500 rufiya hoadhaakah evves meehaku beynumeh nuvaane. Miskithuge vaahaka enme ragalhah dhakkan ingeynee ethanuge ahluverinnah.
— Dr Mohamed Iyaz (@dr_iyaz) July 11, 2020
ނަމާދަށް ސަފުހަދާއިރު ވީހާވެސް ކައިރީގައި ހުރުމަށްވަނީ އަމުރު ކުރައްވާފައެވެ. އެހެންކަމުން މިއީ ސުންނަތްކަމެކެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަފުތަކަށް ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. ”ފަހެ ތިޔަބައިމީހުން، މަލާއިކަތުން އެބޭކަލުންގެ ވެރި އިލާހުގެ ޙަޟްރަތުގައި ޞަފުތައް ހައްދަވާގޮތަށް ޞަފުތައް ނުހަދަނީ ކީއްވެހެއްޔެވެ؟“ ޞަޙާބީން ދެންނެވިއެވެ. ”މަލާއިކަތުން، އެބޭކަލުންގެ ވެރި އިލާހުގެ ޙަޟްރަތުގައި ޞަފުތައް ހައްދަވަނީ ކިހިނެއްތޯއެވެ؟.“ ޙަދީޘްކުރެއްވިއެވެ. ( يُتِمُّونَ الصُّفُوفَ الْمُقَدَّمَةَ وَيَتَرَاصُّونَ فِي الصَّفِّ ) [13] މާނައި: އެބޭކަލުން ފުރަތަމަ ޞަފުތައް ފުރާލައްވައެވެ. އަދި އެކަކު އަނެކަކަށް ޖެހި ބާރުވެގެން (ހުސްތަން ފުރާލައްވައިގެން) ނެވެ.“
ކަން މިހެން އޮތް ނަމަވެސް، ކޮވިޑް-19 ގެ ޢާލަމީ ބޮޑު ވަބާއިން ރައްކާތެރިވުމަށް ގައިދުރުކަން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުން މި ހާލަތުގައި ދުރުދުރުގައި ސަފުހަދައިގެން ނަމާދުކުރިޔަސް ރަނގަޅުވާނެއެވެ. ސުންނަތަށާއި ދީނީ ކަންކަމަށް ޢަމަލުކުރުމުގައި ސަބަބުތަކުގައި ހިފަން ޖެހޭކަމަށް އޮންނަ އިރު، މި ހާލަތުގައި ދުރުދުރުގައި ސަފު ހަދައިގެން ނަމާދުކުރުމަކީ މައްސަލައެއް ނޫންކަމަށް ބައެއް ޢިލްމުވެރިން ބުރަވެލައްލަވައެވެ.
ޚަބަރަށް، ޙަދީޘްނެގީ: ޢިލްމު އެމްވީ އިން
