ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މީހުންގެ ސަމާލުކަން ހުއްޓޭފަދަ ތަނެއް ހަދައިފިއެވެ. އެއީ އެތެރެ ފެންނަ ފާޚާނާ ތަކެކެވެ.

އެންމެގިނައިން މީހުން ހުރަސްކުރާ ކަފިހިހުރަސް ހުންނަ އަވަށުގެ ގޮތުން މަޝްހޫރު ވެފައިވާ ޝިބުޔާގައި ބެހެއްޓި މި ފާޚާނާތައް ފަރުމާ ކޮށްފައިވަނީ ޝިގޭރޫބަން އާކިޓެކްޓްގެ ފަރާތުންނެވެ. އެތެރެ ފެންނަ ފާޚާނާއޭ ބުނުމުން ހައިރާންވި ނަމަވެސް، މިއީ ފާޚާނާއާމެދު މީހުން ދެކޭގޮތް ބަދަލު ކޮށްލުމަށްޓަކައި އުފެއްދި އީޖާދީ ފަރުމާއެކެވެ.

ޝިގޭރޫބަން އާކިޓެކްޓަކީ ޕްރިޒްކާ އިނާމު ހާސިލްކޮށްފައިވާ ކުންފުންޏެކެވެ. މީގެ ދެ ފާޚާނާބަރި ޝިބުޔާގެ ދެ ޕާކެއްގައި ބަހައްޓާފައި ވެއެވެ. އެއީ ޔޮޔޯގީ ފުކަމަޗި މިނީ ޕާކް އާއި ހަރުނޯ އޮގަވާ ކޮމިޔުނިޓީ ޕާކުގައެވެ.
“ޕާކުތަކުގައިވާ އާންމު ފާޚާނާ އަކަށް ވަންނައިރު ފިކުރު ކޮށްލަންޖެހޭ ދެކަމެއްވޭ. އެއީ ސާފުތާހިރު ކަމަށާއި ފާޚާނާގައި މީހަކު އުޅޭކަން ނޭނގޭތީ ކޮށްލަންޖެހޭ ފިކުރު” މަޝްރޫޢުގެ ރަސްމީ ވެބްސައިޓްގައި މިފަދައިން ބަޔާން ކޮށްފައި ވެއެވެ.

މިދެކަމަށް ރިޔާއަތް ކޮށްގެން، އެކަންކަން ހައްލުކުރަން ފަރުމާކޮށްފައިވާ ފާޚާނާތަކުގެ ފާރު ހުންނަނީ އެތެރެ ފެންނަގޮތަށް ބިއްލޫރިންނެވެ. ބޭރުން ބަލައިލުމުން ފާޚާނާތަކުގެ ސާފުތާހިރު ކަމާއި މީހަކު އުޅޭކަން އެނގޭ ގޮތަށެވެ. މީހަކުވަދެ ތަޅުލުމުން، އެތެރެ ނުފެންނަގޮތަށް ފާރުތައް ފުސްވެއެވެ. ރޭގަނޑަށް މި ފާޚާނާތައް ދިއްލާލާފައި ހުންނައިރު ވަރަށް ރީއްޗެވެ.

ސީއެންއެން ޓްރެވަލްގެ ޓީމެއް، މިފާޚާނާތައްހުރި އެއް ފާކް ކަމަށްވާ ހަރުނޯ އޮގާވާ ކޮމިޔުނިޓީ ޕާކަށް ޒިޔާރަތްކޮށް މިތަންތަން ބަލާލާފައި ވެއެވެ. ފާޚާނާތައް ވަރަށް ސާފުވެފައި ރީތިކަން ފާހަގަ ކުރިއެވެ. ހުދާއި ރިހިކުލަ ބޭނުންކޮށްގެން ހަދާފައިވާ ފާޚާނާ ތަށިތަކެކެވެ.

މި ފާޚާނާތައް އެތެރެ ނުފެންނަ ގޮތަށް ފުސްވަނީ މީހަކު ވަދެފައި އެތެރޭން ތަޅުލީމައެވެ. ތަޅު ހުންނަނީ އަތްގަނޑުގެ ތިރީގައެވެ. އޭގެކުރިން ހުންނަނީ ސާފުތާހިރުކަން ފެންނާނޭހެން އެތެރެ ފެންނާށެވެ. އަހަރެމެން ކުރި ޒިޔާރަތުގައި އެކަކު ތަޅުނުލާ ފާޚާނާ ބޭނުންކުރިއެވެ. އޭނާއަށް އެކަން ރޭކާލީ ބޭރުގައި ތިބި މީހުން ހޭން ފެށުމުންނެވެ.
ކުންފުނިންވަނީ ޝިބުޔާގެ 17 ތަނެއްގައި މިފަދަ ފާޚާނާ ބަހައްޓަން ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.