މެދުފުށި ކައިރިން ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ މަތިންދާ ބޯޓެއް އެކްސިޑެންޓް ވެއްޖެއެވެ. އެކްސިޑެންޓް ވީ ބޯޓަކީ ޑީއެޗްސީ-6 މަރުކާގެބޯޓެކެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން މިކަން ހާމަކޮށް ބުނެފައިވަނީ މި ބޯޓު އެކްސިޑެންޓްވީ މެދުފުށީ ވޯޓާރއޭރޯޑްރޯމް ގެ ވޯޓާރ ރަންވޭއަށް ޖެއްސުމައްފަހު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި ބޯޓުގެ ވާތު ފިޔަގަނޑު ޖެހިގެންކަމަށެވެ. މި ހާދިސާ ހިނގި އިރު ބޯޓުގައި 14 ޕަސެންޖަރުންނާއި ކުރޫން ތިއްބެވެ.
މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ޕަސެންޖަރަކަށްވެސް އަދި ކުރޫ އަކަށްވެސް އަނިޔާލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ވާތު ފިޔަގަނޑަށް ގެއްލުން ލިބިފައި ވާކަމަށް ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެއެވެ.
އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިން ކޮމިޓީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ދަނީ މިހާދިސާ ތަހުގީގު ކުރަން ފަށާފައި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ.
