މިހާރު ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް އެކްޓަރަކީ ރާޖްކުމާރް ރާއޯކަން ޔަޤީނެވެ. އޭނާގެ ނަމުގެ ފަހަތަށް ކާމިޔާބު އެތައް ފިލްމެއް ލިޔެވިދާނެއެވެ. ނެޝަނަލް އެވޯޑްވެސް ހޯދާފައިވާ 36 އަހަރުގެ މި އެކްޓަރުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ޝާހް ރުކް ޚާން ކަމަށާއި އޭނާ އެކްޓަރަކަށްވީ ޝާހްގެ ސަބަބުން ކަމަށް އޭނާ ބުނެފިއެވެ.
“އަހަރެން ޝާހް ރުކް ސަރ ދެކެ ވަރަށް ލޯބިވޭ. އަހަރެން އެކްޓަރަކަށްވީ އޭނަގެ ސަބަބުން. އަހަރެން ބޮޑުވަމުން އައިއިރު އަހަރެން އޭނަ ކޮޕީ ކުރެވޭތޯ ބަލަން. އަހަރެން ކްލާސް 11 ގައި އުޅެމުން ފުރަތަމަ ފަހަރަށް މުމްބާއީއަށް އައިސްފައި ބަންޑްރާއަށް ގޮސް މަންނަތު (ޝާހްގެ ގެ) ބޭރުގައި އެތައް ގަޑިއިރެއް ވަންދެން ހުރިން ޝާހް ފެނޭތޯ.”
ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރާޖްކުމާރް ބުނެފައިވެއެވެ.
ނަމަވެސް އެފަހަރު އޭނާގެ ހުވަފެން ހަޤީޤަތަކަށް ވާގޮތެއް ނުވިއެވެ. އެ ހުވަފެން ހަޤީޤަތަކަށްވީ އޭނާ އެކްޓަރަކަށް ވީފަހުންނެވެ. އެ ހަނދާން އާކުރަމުން ރާޖްކުމާރް ބުނެފައިވެއެވެ.
“އަހަރެން އެކްޓަރަކަށް ވީފަހުން ޝާހްއާ ބައްދަލުކޮށްލަން ރަނުގެ ފުރުސަތެއް ލިބުނު އޭނަގެ ގެއިން. އޭގެ ފަހުން އޭނަޔާ އެތައް ފަހަރަކު ބައްދަލުވެއްޖެ. އެއީ މިހާތަނަށް އަހަންނާ ބައްދަލުވި އެންމެ ސަޅި އެކަކު. ކޮންމެ މީހަކީވެސް ވަރަށް ޚާއްސަ މީހެއްކަމަށް އިހުސާސްކޮށްދޭނެ އޭނަޔާ ބައްދަލުވީމަ. އޭނަޔާ ބައްދަލުވާ ކޮންމެ މީހަކު އެކަމާ ހެކިވާނެ. އެކްޓަރެއްގެ ގޮތުގަ އަހަރެން ޝާހްދެކެ ވަރަށް ލޯބިވޭ. އެއީ ވަރަށް ރަނގަޅު މީހެއް.”
ރާޖްކުމާރް ދެން އެންމެ އަވަހަށް ފެންނާނީ މިމަހު 12ގައި ނެޓްފްލިކްސްގައި ރިލީޒްކުރާ އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމު “ލޫޑޯ” އިންނެވެ. އަދި މިމަހު 13ގައި އެމެޒަން ޕްރައިމް ވީޑިއޯގައި ރިލީޒްކުރާ ހަންސަލް މެހެތާގެ “ޗާލާންގް” އަކީވެސް އޭނާ ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ.
