ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ސިނަމާތައް، މިއަދުން ފެށިގެން އަލުން ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދީފި އެވެ.
ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކުރަން އެންގީ މިދިއަ އަހަރުގެ މާރިޗް މަހުގެ 16 ވަނަ ދުވަހު އެވެ.
އެޗްޕީއޭ އިން އިއްޔެ ބުނީ، 16 މާރިޗް 2020 ވަނަ ދުވަހު ސިނަމާތައް ބަންދުކުރަން އެންގި އެންގުން ބާތިލުކޮށް، ރައްކާތެރިކަމާއެކު ސިނަމާ ހޯލްތައް ހިންގުމާއި ބޭނުންކުރުމުގެ އުސޫލާ އެއްގޮތަށް، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން ހުޅުވާލުމުގެ ހުއްދަދީފައި ވާ ކަމަށެވެ.
ސިނަމާތައް އަލުން ހުޅުވައިލުމަށް އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ސިނަމާތަކަށް ވަންނަ އެއް އާއިލާއެއް ނުވަތަ އެއް ގުރޫޕެއް ފިޔަވައި، ގޮނޑިބަރިތަކުގެ ހުރިހާ ކޮޅަކުން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސަންޖެހެ އެވެ. މގެ އިތުރުން، ކޮންމެ ޝޯއަކަށް ވަންނަ މީހުންގެ ތަފްސީލުތައް ލޮގުކުރަންޖެހޭއިރު، ސިނަމާތަކަށް ވަންނަ ހުރިހާ މީހުން މާސްކު އަޅަންޖެހޭނެކަމަށް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.
މި އުސޫލުގެ ދަށުން ސިނާމަތަކާއި ތިއޭޓަރުތަކުގައި ކާބޯތަކެތި ވިއްކަން ބެހެއްޓުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެ ޝޯއެއް ނިމުމުން، އާއްމުކޮށް އަތްލާ ތަންތަން ރަނގަޅަށް ސާފުކުރުމާއި ވައިދައުރުވާ ގޮތަށް ދޭތެރެ ދޭތެރެއިން ދޮރުތައް ހުޅުވުމަށްވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
ސިނާމަތަކާއި ތިއޭޓަރުތަކަށް ވަންނަ މީހުންގެ ހުން ބަލަންޖެހޭއިރު، އެކި ގަޑިތަކުގައި ޝޯތަކަށް އަންނަ މީހުން ބައްދަލުނުވާގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެ އުސޫލުގައި އަންގާފައިވެއެވެ.
