ޒީ ޓީވީއިން 2008 ވަނަ އަހަރު ފެށި “ޗޯޓީ ބަހޫ” ސިލްސިލާއިން ފިލްމީ ކެރިއަރު ފެށި ރުބީނާ ދިލައިކްއަކީ މަޤުބޫލު ޓީވީ ބަތަލާއެކެވެ. ޗޯޓީ ބަހޫއިން ލިބުނު މަޤުބޫލުކަމާއެކު ކާމިޔާބު އެތައް ޓީވީ ސިލްސިލާތަކެއް ކުޅެން ލިބުނު ބަތަލާއެކެވެ.
ސޮނީ ޓީވީގެ “ސާސް ބިނާ ސަސުރާލް”، ޒީ ޓީވީގެ “ޕުނަރް ވިވާހް – އޭކް ނަޔީ އުއްމީދް” އަދި ކަލާސް ޓީވީގެ “ޝަކްތީ – އަސްތިތުވާ ކޭ އެހްސާސް” އަކީ ރުބީނާ ކުޅެފައިވާ ކާމިޔާބު ސިލްސިލާތަކެވެ.
މިފަހަރު މި ގެނެސްދެނީ ރުބީނާއާއި ބެހޭގޮތުން އާންމުކޮށް މީހުންނަށް އެހާ ނޭނގޭ މަޢުލޫމާތުކޮޅެކެވެ.
* ރުބީނާއަކީ ނެޝަނަލް ޗެމްޕިއަނެއް
ރުބީނާއަކީ އޭނާގެ ސްކޫލު ދައުރުގައި ބަހުސް ކުރުމުން ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އޭނާ ވަނީ ޤައުމީ ފެންވަރުގައި ބޭއްވުނު ބައެއް ބަހުސް މުބާރާތްތަކުން ރަން މެޑަލް ހޯދާފައެވެ.
* ރުބީނާއަކީ ރީތީގެ ރާނީއެއް
2006 ވަނަ އަހަރު ޝިމްލާގައި ބޭއްވި ރީތީގެ ރާނީ މުބާރާތުން ރާނީއަކަށް ހޮވުމުގެ އިތުރުން 2008 ވަނަ އަހަރުގެ މިސް ނޯތު އިންޑިއާ މުބާރާތްވެސް ކާމިޔާބު ކުރީ ރުބީނާއެވެ.
* ރުބީނާއަށް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން ޝަރަފުވެރި އެވޯޑްތައްވެސް ލިބިފައި
2015 ވަނަ އަހަރު ރުބީނާއަށް ވަނީ ދާދާ ސާހެބް ޕާލްކޭ އެވޯޑްގައި ބެސްޓް އެކްޓްރެސްގެ އެވޯޑް ލިބިފައެވެ. އަދި 2016 ވަނަ އަހަރު “ޝަކްތީ – އަސްތިތުވާ ކޭ އެހްސާސް” އިން އައިޓީއޭ އެވޯޑްސްގެ ޖޫރީގެ ބައިން ބެސްޓް އެކްޓްރެސްގެ މަޤާމު ހާސިލްކޮށްފައިވެއެވެ.
* ރުބީނާއަކީ ޕްރޮފެޝަނަލް އިންޓީރިއަރ ޑިޒައިނަރެއް
ކާމިޔާބު އެކްޓްރެސްއެއްގެ އިތުރުން ރުބީނާއަކީ ޕްރޮފެޝަނަލް އިންޓީރިއަރ ޑިޒައިނަރެކެވެ.
ޓީވީ އެކްޓަރ އަބިނަވް ޝުކްލާއާއި ކައިވެނިކޮށްގެން އުޅޭ ރުބީނާ މިވަގުތު ކުރަމުން ދަނީ ރިއަލިޓީ ޝޯވ، “ބިގް ބޮސް 14″ގެ މަސައްކަތެވެ. މި ޝޯވއާއެކު ރުބީނާ ވެފައިވަނީ ކޮންމެ ދުވަހަކުވެސް ނޫސްތަކުގެ ފަލަ ސުރުޚީއިން ޖާގަ ހޯދާ އެކްޓްރެސްއަކަށެވެ.
