ބޮލީވުޑްގެ މަޤްބޫލު އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ނުކުންނަން އުޅޭ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ސުހާނާ ބޮލީވުޑަށް ނެރޭނީ ފިލްމު “ގަލީ ބޯއީ” އާއި “ޒިންދަގީ ނާ މިލޭގީ” ޑައިރެކްޓްކުރި ޒޯޔާ އަޚްތަރު މިހާރު ތައްޔާރު ކުރަމުންދާ ފިލްމުންނެވެ. މި ފިލްމަކީ މުޅި ދުނިޔޭގައި މަޝްހޫރު ކޮމިކް ވާހަކަ “އާޗީ” އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މިވަޤުތު އެމެރިކާގައި ކިޔަވަން ގޮސް ހުރި އުމުރުން 20 އަހަރުގެ ސުހާނާ ވަނީ މީގެ ކުރިން ވެސް “ދަ ގްރޭ ޕާޓް އޮފް ބްލޫ” ނަމަކަށް ކިޔާ ކުރު ފިލްމެއްގައި ވެސް މަސައްކަތް ކޮށްފައެވެ.

ކުރިން ބެލެވިފައި އޮތީ ސުހާނާ ބޮލީވުޑަށް ނެރޭނީ އޭނާގެ ބައްޕަ ޝާހްރުކްގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރް ކަމަށެވެ. އެއީ އޭނާ ވަނީ ސުހާނާއާއެކު ގިނަ އިންޓަވިއުތަކެއް ވެސް ކޮށްފައެވެ. ކަރަން އަކީ ޝާހްރުކްގެ “ކުޗް ކުޗް ހޯތާ ހޭ” އާއި “ކަބީ ޚުށީ ކަބީ ޣަމް” އަދި “ކަބީ އަލްވިދާ ނާ ކެހެނާ” ގެ ޑައިރެކްޓަރެވެ.
މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވިނަމަވެސް، ފިލްމު ރިލީޒްކުރާނީ ނެޓްފްލިކްސް އާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
