ލިޖެންޑަރީ ފިލްމީ ތަރި ޗޅިޔާ މޫސާ މަނިކު ނިޔާވެއްޖެ އެވެ.
ފަންނުވެރިކަމުގެ ވަރަށް ގިނަ ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިޔާ ނިޔާވީ މީގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ. އެކަން އާއިލީ ބޭފުޅަކު ޔަގީން ކޮށްދެއްވިއެވެ.
އެނގިފައިވާ ގޮތުގައި ޗިޅިޔާ މޫސާ މަނިކު ނިޔާވީ ބަލިވެ އުޅުއްވާތާ ވަރަށް ގިނަ ދުވަސް ފަހުން މިރޭ އައިޖީއެމްއެޗްގައެވެ. ނިޔާވި އިރު އުމުރުފުޅަކީ 81 އަހަރުފުޅެވެ.
ފިލްމީ ދާއިރާގައި 1982 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވެފައިވާ ޗިޅިޔާ މޫސާ މަނިކު އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2010ވަނަ އަހަރުގައެވެ.
ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވަދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިން 1977 ވަނަ އަހަރުގައެވެ. ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން 1983 ގައި އޭނާއަށް ވަނީ އިނާމު ދެއްވައިފައެވެ.
ޗިޅިޔާ މޫސާ މަނިކަށް ވަނީ “އާފަތިސް” އެވޯޑު ވެސް ލިބިވަޑައިގެންފައެވެ. އެގޮތުން ފިލްމު “ހަގު އަނބި”އިން ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަޤާމު 1996 ގައި އޭނާ ހޯދައިފައިވާއިރު، އެންމެ ފަހުން އޭނާ ހޯއްދެވި ކާމިޔާބީއަކީ، 2008 ވަނަ އަހަރު ‘މިއަދު’ ނޫހުގެ ކްރިސްޓަލް އެވޯޑުގެ ލައިފްޓައިމް އެޗީވްމަންޓެވެ.
ޗިޅިޔާ މޫސާ މަނިކުގެ ވަކިވުމަކީ އެތައް ދިވެހިންނެއް ރޮއްވާލާނެ ކަމެކެވެ. ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ބޭފުޅެކެވެ. ދާދި ފަހަކާ ޖެހެންދެން ވެސް ފިލްމީ ދާއިރާގެ އެކި ކަންތައްތަކުގައި ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ.
