ބޮލީވުޑްގެ މެގަސްޓަރ ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާ ލީޑް ރޯލުން ފެނިގެންދާ ފިލްމު “އަންތިމް: ދަ ފައިނަލް ޓްރުތު”ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ސަލްމާނާއި އާޔޫޝް، ރުޅިވެރި ގޮތަކަށް ދެމީހުން ދެމީހުންގެ މޫނަށް ބަލަން ތިބޭ މަންޒަރު ފެންނަ މި ޕޯސްޓަރުގައި ވަނީ ފިލްމު އަވަސް މުސްތަޤްބަލެއްގައި ރިލީޒްކުރެވޭނެ ވާހަކައެވެ.
ފިލްމުގައި ފުލުސް އޮފިސަރއެއްގެ ރޯލުން ސަލްމާން ފެނިގެންދާއިރު އާޔޫޝް އަކީ ޝަހަރުގެ ވަރުގަދަ ގޭންގްސްޓަރ އެކެވެ.
अंत में जीत किसकी होगी ? #Antim
@BeingSalmanKhan #AayushSharma @MahimaMakwana_ @manjrekarmahesh @ZeeMusicCompany pic.twitter.com/eBYOk5h96N— Salman Khan Films (@SKFilmsOfficial) September 7, 2021
ފިލްމުގެ ހުރިހާ މަންޒަރެއް ނަގާ ނިމިފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަލްމާން ވަނީ ފިލްމުގެ ކުރު ޓީޒާއެއް ވެސް ދައްކާލައިފައެވެ. އޭގައި ފެނިގެންދަނީ އާޔޫޝް ދުވެފައި އައިސް ސަލްމާންގެ ގައިގާ ޖަހަން އަތް ހޫރާލާ ވަޤުތު، ސަލްމާން އޭނާ ހިފަހައްޓާ މަންޒަރެވެ.
ސަލްމާން އެންމެ ފަހުން ފެނުނު ފިލްމަކީ މިއަހަރުގެ މެއި މަހު ރިލީޒް ކުރި ޕްރަބޫ ދޭވާގެ “ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ” އެވެ. ސަލްމާން މިހާރު “ޓައިގަރ 03″ގެ މަސައްކަތް ކުރަމުން ދާއިރު ކުރިއަށް “ކިކް 2” އާއި “ބައިޖާން” އަދި “ދަބަންގ 04″ގެ މަސައްކަތް ވެސް އެބައޮތެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ޝޫޓިންގ ނިންމާލި ފިލްމު “އަންތިމް: ދަ ފައިނަލް ޓްރުތު” އަކީ ސަލްމާން ޚާންގެ ފިލްމު ކުންފުނި (އެސް.ކޭ.އެފް)ގެ ޕްރޮޑަކްޝަންގެ ދަށުން މަހޭޝް މަންޖްރޭކަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
