ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް އަލަށް ޕްރޮޑިއުސްކޮށް ކުޅޭ ފިލްމު “ޑާލިންގސް”ގެ ޝޫޓިންގ ނިންމާލައިފިއެވެ.
އާލިއާގެ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ޝާހް ރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓެއިންމެންޓް ގުޅިގެން އުފައްދާ މި ފިލްމަކީ ސްކްރީން ރައިޓަރު ޖަސްމީތު ކޭ ރީންގެ އަލަތު ޑައިރެކްޝަނެވެ. މި އަހަރުގެ ކުރީކޮޅު ޝޫޓިންގ ފެށި މި ކޮމެޑީ-ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ އާލިއާ ބަޓްގެ އިތުރުން ވިޖޭ ވަރްމާއާއި ރޯޝަން މެތިއު އަދި ޝެފާލީ ޝާހްއެވެ.
ދާދި ފަހުން އާލިއާ ވަނީ ކަރަން ޖޯހަރްގެ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ”ގެ ޝޫޓިންގވެސް ފަށާފައެވެ. އެ ފިލްމުގައި ބަތަލުގެ ބައި ކުޅެނީ ރަންވީރް ސިންގއެވެ. އޭގެ ކުރިން އާލިއާ ވަނީ ރަންވީރާއެކު “ގަލީ ބޯއީ” ކުޅެފައެވެ.
“ޑާލިންގސް” ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވާއިރު މި ފިލްމު ގެނެސްދޭނީ އަންނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
